ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އެކި ކަހަލަ ފަތުރުވެރިކަން ތަރައްގީކުރަން ކ. އަތޮޅުގައި ފަސް ރިސޯޓު ތަރައްގީ ކުރަން، ވިޒިޓާ އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެ ފަސް ރިސޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މިހާރު ފާހަގަ ކުރެވިފައިވާ ދާއިރާތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ދާއިރާތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އެގޮތުން އެ ކައުންސިލުން ނިންމާފައިވަނީ ކ.އަތޮޅުގައި ތަރައްގީ ކުރާ ފަސް ރިސޯޜު މުޅިން ނިންމައި މާކެޓަށް ނެރުމުގެ ކަންކަން 2026 ވަނަ އަހަރުގެ ކުރިން ނިންމުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ވިޒިޓާ އިކޮނޮމީއަށް ފޯކަސް ކޮށްގެން ހާސިލް ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްފަހު މީގެ ތެރެއިން މިއަހަރު ހާސިލް ކުރަން ކަނޑައަޅައި ޓާގެޓްތައް ހިމެނޭ ގޮތަށް ވިޒިޓާ އިކޮނޮމިކް ކައުންސިލުން ކަރުދާހެއް އެކުލަވާލާފައިވާ ކަމަށެވެ.
"ވިޒިޓާ އިކޮނޮމި އިނީޝިއޭޓިވް އަށް، ޕްރައިވެޓް ސެކްޓާ އަހުލުވެރި ކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެނޑް ޓްރޭޑާ ގުޅިގެން ޕްރައިވެޓް ސެކްޓާ އަށް އަމާޒު ކޮށްގެން ފޯރަމްތަކެއް ބޭއްވުމާ ގުޅޭގޮތުން ކުރައްޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައި. މީގެ ސަބަބުން ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން މި ސިނާއަތުގައި އިތުރުވެގެންދާނެ،"
ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ މި ސަރުކާރުން އަލަށް އެކުލަވައިލި ކައުންސިލެކެވެ. މި ކައުންސިލު ޗެއާ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ކޯޗެއާ އަކީ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލެވެ. މި ކައުންސިލަކީ ރާއްޖޭގެ އިގުތިސޯދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު