ވަޒީފާދޭ ފަރާތްތަކާއި ޓްރޭޑް ޔޫނިއަންތަކަށް ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހަޅައިގެން މިދިޔަ 18 ޑިސެމްބަރު 2023ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މި ބިލުގައި ހިމަނާފައިވެއެވެ. އަދި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތަކާއި ޓްރޭޑް ޔޫނިއަންތަކާ ގުޅޭ އެ ނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީ ކުރުމުގައާއި ގާނޫނާ ހިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާ އޮފް ޔޫނިއަންސްއެވެ.

މި ގާނޫނު ބުނާ ގޮތުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރާ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އަށް މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ އެ މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން"ގެ ނަމުގައި ވަކި ޑިވިޝަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ކަނޑައަޅާފައިވެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ އެ ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު އުވުނީއެވެ.