ވިއްސާރައިގައި ގެއްލުންވި މާލޭގެ ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.
ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ވަނީ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންތަކެއްވެފައެވެ. ރައީސް ވަނީ އެންމެ ބޮޑަށް ގެއްލުންވި ގެތަކަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލާލައްވައިފައެވެ.
ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ވަނީ ވަޑައިގެންފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން އދ. އަތޮޅަށް އަށް އޮރެންޖެ އެލާޓް ވެސް ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީހުން) ވަނީ ނެރެފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާ ދުވަސްވަރުކަމުން ކުރަމުންދާ ވިއްސާރަ ކަމަށެވެ. އަދި މިއަދު ހެނދުނު 8:00 އިން 11:00 އަށް 75 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ވިއްސާރަ ކުރިއަށް ތިން ދުވަހުވެސް ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާލެ އަމީނީ މަގުގެ ބޮޑު ސަރަހައްދެއްގައި ކަށިމައްޗާ ހަމަޔަށް ފެންބޮޑުވެ، ސްޓެލްކޯ ކައިރިން ފެށިގެން ދަރުބަރުގޭ ކައިރީ ހުރި ގިނަ ގެތަކަކަށާއި އެ މަގުގައި ހުރި ފިހާރަތަކަށް ފެން ވަންނަމުންދާތީ އެ ގެތަކުގެ މީހުން ނުކުމެ ވެލިބަސްތާ އާއި ބައެއް ގެތަކުގެ ކައިރީ ފިލާޖަހައިގެން ގޭގެޔަށް ފެންވަނުން ކޮންޓްރޯލް ކުރަމުންގެންދެއެވެ.
އެމްއެންޑީއެފުން ވެސް އަންނަނީ މާލޭގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހެނދުނު 8:30 އިން ފެށިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން (އެފްއާރުއެސް) ދަނީ ކުރަމުން ކަމަށެވެ. ފެންހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް ކައިރި، ދިވެހިރާއްޖޭގެ އަޑު ކައިރި، ވެސްޓް ޕާކު ކައިރި، މާފަންނު ސްޓޭޑިއަމް ކައިރި، ޕޮލިޓެކްނިކް ކައިރި، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިގައާއި އަދި ޕޯސްޓް އޮފީސް ކައިރި ހިމެނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސް ވަރެކެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން ހަތަރު އަތޮޅެއްގެ 20 ގެޔަކަށް ފެންވަދެގެން އެތަނުން ތިން ގެޔަކުން މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓްކުރި ހަތަރު ރަށަކީ، ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަމާއި ފޮނަދޫ އަދި ސ. މަރަދޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު