އިޓަލީ ލީގުގައި ރޭ ކުޅުނު މެޗުގައި ރޯމާ ބަލިކޮށް، ޔުވެންޓަސްއިން ލީގު ތާވަލުގެ ދެވަނައިގައި އިންޓަ މިލާނާ ގާތް ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއިން ކުޅުނު މެޗުގައި ރޯމާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި މޮޅާއެކު ޔުވެންޓަސްއިން ތާވަލުގެ ދެވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓާއެކުގައެވެ. އިންޓަ މިލާނުން އެއްވަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓާއެކުގައެވެ. އޭސީ މިލާން މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތް އިރު، ފިއޮރެންޓީނާ އޮތީ ހަތަރު ވަނައުގައެވެ. ރޭގެ މެޗުން ބަލިވެ، ރޯމާ ވަނީ ހަތްވަނައަށް ވެއްޓިފައެވެ. އެޓީމުން ހަތްވަނައިގައި އޮތީ 18 މެޗުން 28 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ޔުވެންޓަސްގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފު ކުރީކޮޅުގައެވެ. ޑޫސަން ވްލަހޮވިޗް ނަގައިދިން ހުރަހަށް އަރައި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ އެޑްރިއެން ރެބިއޯއެވެ.

ޔުވެންޓަސްއިން އެ ގޯލަށް އިތުރަށް ނުރައްކާ ކޮށްފައިވާ އިރު، ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅައެއް ގޯލަށްވެސް ވަނެއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ، އެ ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާ އޮތީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.