މި އަހަރު 12 ނުވަތަ 15 ރިސޯޓު އަލަށް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އެ އަދަދަށް ރިސޯޓް ހުޅުވިއްޖެ ނަމަ، މާކެޓަށް 1،000 އެނދު އިތުރުވާނެ ކަމަށެވެ. އަދި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި އޮތް 63 ރަށެއް އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ބައެއް ރަށްތައް ދޫކޮށްފައި އޮންނަތާ 20 ނުވަތަ 15 އަހަރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، އެ ރަށްތަކުގައި ރިސޯޓް ހަދަން ދިމާވާ ދަތިތަކަކީ ކޮބައިކަން ދެނެގަތުމަށް އެ ރަށްތައް ދޫކޮށްފައިވާ ފާރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރުތަރޭގައި އެ ރަށްތަކުގެ 40 ނުވަތަ 50 ޕަސަންޓް ނިންމައި މާކެޓަށް ނެރުން ކަމަށް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ގައުމެއްގެ ފަތުރުވެރިކަމުގެ ވުޒާރާއަކާ މަޝްވަރާ ކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން އެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ރަނގަޅުވެ، އިތުރު އިންވެސްޓަރުން ހޯދުމުގެ ފުރުސަތުވެސް ބޮޑުވާ ކަމަށެވެ.