މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވާ މެމްބަރުންނަށް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތް ހެދުމުގެ ބިލު (އެންޓި ޑިފެކްޝަން ގާނޫނު) ހެދުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެހެން ވިދާޅުވީ، އެމްޑީޕީގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ މިދިޔަ ބުރާސްފަތި ދުވަހު ގުޅިފައިވާތީ، އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނަކީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރާނެ ގާނޫނެއް ކަމަށް އޭރުވެސް އެމްޑީޕީން ބުންޏެވެ. އަދި އެއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އޮތް ކަމެކެވެ. ނަމަވެސް މިހާ ހިސާބަށް އައިއިރުވެސް އެ ބިލު މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
އަލީ ނިޔާޒު ވިދާޅުވީ، މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން އަދި ދުވަސް އެބަ އޮތް ކަމަށެވެ. އަދި އެފަދަ ބިލެއް އެކުލަވައިލުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން އޮތް ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން އެންޓި ޑިފެކްޝަން ގާނޫނަކަށް އަމަލުކުރަން ފެށިއެވެ.
އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމްގެ ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރި އެ ބިލު 14 މާޗް 2018 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ތަސްދީގު ކުރައްވައި އަމަލު ކުރަން ފެއްޓެވި ނަމަވެސް އޭގެ ނުވަ މަސް ފަހުން، ހަމަ އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހަޅުއްވައިގެން، އެ ގާނޫނު އުވާލަން ފާސްކުރި ބިލު ހަމަ އެ ރައީސް، 13 ނޮވެމްބަރު 2018 ގައި ތަސްދީގު ކުރައްވައި އަމަލުކުރަން ފެށިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު