މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަލަށް ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ "ހަފްތާ 14"ގެ މަގުޗާޓުގައި ހިމަނާފައިވާ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު، މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ފޯމު ހުށަހަޅަންވާނީ [email protected] މެދުވެރިކޮށް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
- ދިވެހި ރައްޔިތަކު ކަމުގައިވުން
- މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތަކަށްވުން
- އުމުރުން 18 އަހަރު ވެފައިވުން
މިނިސްޓްރީން ބުނީ ބޯޑު މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރިތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވާންވާނެ ކަމަށެވެ.
ބޯޑު މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ ލިޔުމެއް، ބޯޑު މެމްބަރުކަމަށް ކުރިމަތިލާ ފޯމާއެކު ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އައިޑީ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު