ނޫސްވެރިންނަށާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމައު އަބުދުﷲ ޝާފީގެވެ.

މަޖިލީހަށް ބަލައިގަނެ ބަހުސްފެށި މި ކުއްލި މައްސަލައިގައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

މި ކުއްލި މައްސަލައިގައި ބުނެފައި ވަނީ މިނިވަން ކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅު ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނިކޮށް، އޮންލައިންކޮށް ހަބަރާއި މައުލޫމާތު ފަތުރަމުދިޔަ ބައެއް ވެބްސައިޓްތަކަށް ސަރުކާރުން ބްލޮކް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

"ސަރުކާރުގެ މި އަމަލަކީ ގާނޫނުއަސާސީއާ ހިލާފް، ރައްޔިތުންގެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، އަދި ނޫސްވެރިންނަށާއި ނޫސްތަކަށާއި ޖުމްލަ ގޮތެއްގައި ރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދޭހަވާތީ، އަދި ޑިމޮކްރެސީއާ ބީރައްޓެހި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މިކަން ސިފަކުރެވޭ،" މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވިއެވެ.