ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި އެންމެ ބޮޑު އެއް ގޯހުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންކުރުމެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު، ރައީސް ސޯލިހު ވަނީ އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވައިފައެވެ. އެ ލުއީގެ ނަތީޖާއެއްގެ ގޮތުން، އެ ދެ ބޭފުޅުން މިނިވަންވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވި ނަމަވެސް، ދެން އެ މައްސަލައިގައި ހިމެނޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަދަބު ލުއިކޮށްދެއްވައިފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތަށް ވަނީ 31 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވި އިރު، އެ ދެބޭފުޅުންވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭގައެވެ.

ރިޔާސީ އިންތިހާބު 2018ގެ ކެމްޕޭނުގައި ރައީސް ސޯލިހު އެންމެ ބޮޑަށް ދައްކަވަމުން ގެންދެވި ވާހަކަފުޅަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކުރައްވާނެ ކަމުގެ ވައުދެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް، ފަޅުތަކާއި ރަށްތައް ކުއްޔަށްދީ، އެ މުއާމަލާތްތަކުގައި އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން ހިމެނޭތީ، އެކަން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާނެ ކަމަށް އޭރު އިދިކޮޅުން ނުކުތް ބޭފުޅުން ވަރަށް ބޮޑަށް ވާހަކަދެއްކެވިއެވެ.

އޭރު ދެއްކި ވާހަކަތައް އެގޮތަށް ހުރި ނަމަވެސް، އަދީބާއި ޒިޔަތު މިނިވަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ނިންމުމާ ގުޅިގެން އެކަމަށް އެންމެ ފުރަތަމަ ފާޑުކިޔުން އަމާޒުކޮށްފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންނެވެ. އަދީބާއި ޒިޔަތަށް މާފު ދިނުމުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެއެވެ.

ޓްރާންސްޕޭރަންސީން ބުނެފައިވަނީ އަދީބާއި ޒިޔަތަށް މައާފުދިނުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަގާމާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވި އެ ފަރާތްތަކަށް ލިބިފައިވާ ހިމާޔަތުގެ ސާފު މިސާލެއް ކަމަށެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އުސޫލަކަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް، ވޭތުވެ ދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކާއި ކޮރަޕްޝަނުގެ އަމަލުތަކުގައި ޝާމިލުވާ ފަރާތްތައް ހިމާޔަތްކުރަމުންދާ ތަން ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ހިންގާފައިވަނީ އަދީބާއި ޒިޔަތު އިސްވެ ތިބެ ރާވައިގެން ކަމަށާއި އެހެންކަމުން އެ ހުކުމް ލުއިކޮށްދިނުމުން ޖަވާބުދާރީ ކުރުވަނިވި މުޖުތަމައެއްގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށް ޓްރާންސްޕޭރަންސީން ބުނެފައިވެއެވެ.

އެ ނިންމުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާހުކުރުމަށް ވަނީ ގޮވާލައިފައެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ، ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް ދައުލަތުގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލާޒިމުކުރާ ކަމަށާއި އެގޮތުން، ހެޔޮ ވެރިކަމެއް ގާއިމުކުރުމުގެ ގޮތުން ގާނޫނީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެވި، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ ފަރާާތްތަކަކަަށް ހުކުމުގެ ބޮޑު ބައެއް ތަންފީޒު ނުވަނީސް އަދަބު ލުއިކޮށްދެއްވުމުގެ ސަބަބުން މިނިވަންވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެޅިގެންދިޔަ ހުރަހެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

"ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކުށުގެ ބާވަތަށް ރިއާޔަތްކުރުމެއް ނެތި، ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުވެ ނިމިފައިވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިދީފައިވުމަކީ، ޖިނާއީ ގާނޫނުތަކުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މަގުސަދު ހާސިލުވުމަށް ހުރަސް އެޅޭ ގޮތަށް ލިބިދޭ ބާރެއް ކަމުގައި ދެކެމެވެ. އަދި ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ފުރުސަތު އެއް ހަމައަކުން ލިބިދީފައިވުމަކީ ކްލެމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. ދެންނެވުނު މަގުސަދު ހާސިލުކުރުމަށްޓަކައި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ..،" އެ މައްސަލައާ ގުޅޭގޮތުން އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ، ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ގައުމުގެ އުމްރާނީ ތަރައްގީއަށާއި، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ފައިސާއެއް ކަމަށާއި ކަން އެހެން އޮތް އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތުގެ ބައިތުލްމާލަށް އަނބުރާ ނުލިބިވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އަދީބާއި ޒިޔަތު މިނިވަންކުރުމާއެކު ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. ޝަމީމް ވިދާޅުވެފައިވަނީ، ޖަލު ހުކުމް ލުއިކޮށްދީ، މާފުކޮށްދިނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ޕްރޮސިކިއުޓާ ޖެނަރަލްގެ ދައުރެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް، އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ގޮތުގައި" މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު" އޮތް ގޮތުން، އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނޯވެއެވެ. އެގޮތުން ހުކުމެއް ކުރުމަށްފަހު އެ ހުކުމަކާ މެދު ދެން އަމަލުކުރާ ގޮތަކީ ޕީޖީ އޮފީހުގެ ބަހެއް ހޯދަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހެނީ ކަރެކްޝަންސްއަށް ކަމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީން ރައީސަށް ފުޅާކޮށް ބާރުތަކެއް ލިބޭ ކަމަށާއި އެ ބާރުތައް ބޭނުންކުރާ ގޮތާ މެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބިގެންވާކަން ޝަމީމް ވަނީ ފާހަގަކުރައްވައިފައެވެ.

"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫން. ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑުވެވޭނީވެސް، ރުޅި އާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ގާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުސަތު ދީފައި އޮތްނަމަ،" ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވެފައިވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހެދި އިރު، ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނާނެކަން އެނގި ހުރެ، އޭނާގެ ދައުރެއް ނޯންނަ ގޮތަށް ގާނޫނު ލިޔުނީ ކޮންމެވެސް މުހިންމު މަގުސަދެއް ހާސިލުކުރާން ކަމަށް ބަލަން ޖެހޭ ކަމަށެވެ. ޝަމީމް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކްލެމެންސީގެ އުސޫލު އުވާލުމެވެ. ނަމަވެސް، އެކަން ބާއްވާ ނަމަ، އެކަން އޮންނަންވީ މަދުވެގެން ހަތަރުބައިކުޅަ ތިންބައި ތަންފީޒުކޮށް ނިމުމުން މައާފު ދޭ ގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮންނަ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގައި މައާފު ދިނުމުގެ ފުރުސަތު ނެތަސް، އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ބާރު އޮވެއެވެ. އެގޮތަށް އަދަބުގެ މުއްދަތުން ކުޑަކޮށްދެވޭނެ އެންމެ މަތީ މިންގަނޑެއް ގާނޫނަކު ނޯވެއެވެ.

ގިނަ ބަޔަކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު ފައިސާތައް ނުހޯދި، އަދީބާއި ޒިޔަތު މިނިވަންކުރުމުންނެވެ. އޭގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރު ނިމެން ހަތަރު ދުވަހަށް ވެފައިވަނިކޮށް، އެ ނިންމުން ނިންމާފައިވުމުން އެކަމާ ވެސް ދިޔައީ ސުވާލުތައް އުފައްދަމުންނެވެ.