މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމުގެ އާ ސަފުހާއެއް ހުޅުވިގެންދިޔައެވެ. ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސްގެ ގޮތުގައި ހުވާކުރެއްވީ ޑރ. މުހައްމަދު މުއިއްޒެވެ. އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރަށް ނިމުމެއް އައެވެ.
ކޮންމެ ރިޔާސީ އިންތިހާބެއް ބާއްވާ އަހަރެކޭ އެއްގޮތަށް، މިއަހަރު ވެސް ވެގެންދިޔައީ ސިޔާސީގޮތުން ވަރަށް ހަރަކާތްތެރި އަހަރެއްގެ ގޮތުގައެވެ. ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބަކަށް ވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީތަކުން ފަސް ކެންޑިޑޭޓަކު ވާދަކުރި އިރު، އަމިއްލަގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް މުއިއްޒާއި ރައީސް ސޯލިހުގެ އިތުރުން ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫން އަދި ހަސަން ޒަމީލެވެ.
ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދިޔައީ އިދިކޮޅު މައި ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ކެންޑިޑޭޓަށެވެ. ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދިޔައެވެ. ޕީޕީއެމުން މަސައްކަތްކުރަމުންދިޔައީ އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ރައީސް ޔާމީން ނެރުމަށެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވުނީ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ފޯމު ބާތިލުކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވެސް ރައީސް ޔާމީނާ އެއްކޮޅަށް ނިންމުމެއް ނިންމައިފައެއް ނުވެއެވެ. އެހެންކަމުން ދެން އިދިކޮޅުން މަސައްކަތް ކުރީ އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރުމަށެވެ.
ޕީއެންސީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލުމާއެކު، އޭރު ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ޕީއެންސީގެ ޓިކެޓަށް ރައީސް މުއިއްޒު ވާދަކުރެއްވީ މިހާރު ލޯކަލް ގަވަމެންޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފާ އެވެ. ޕީއެންސީގެ ސެނެޓުގައި ނެގި ސިއްރު ވޯޓުގައި ރައީސް މުއިއްޒު ކުރި ހޯއްދެވީ ދެ ވޯޓުގެ ތަފާތަކުންނެވެ.
ޕީއެންސީން ކެންޑިޑޭޓެއް ނެރުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ޕީއެންސީގެ ސެނެޓާ ހަވާލުކުރި މަަސައްކަތުގެ ތެރެއިން، ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ސީދާ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން ނިންމީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލައިގެން އެކަން ކުރުމުގެ މުއްދަތު ރިޔާސީ އިންތިހާބާ ދެމެދު ނެެތުމުންނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ސޯލިހާއި އިދިކޮޅު މައި ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި ރައީސް މުއިއްޒުގެ ފަރާތްޕުޅުންނެވެ. ދެ ޕާޓީން ވެސް ކެމްޕޭން ކުރަމުންދިޔައީ ވަރުގަދަ ބަހުގެ ހަމަލާތަކަކާއެކުއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ފާހަގަކުރައްވަމުން ގެންދެވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރާނެ ވާހަކަފުޅެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަން ވެސް ފާހަގަކުރައްވަމުން ގެންދެވިއެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައި، އެ ސަރުކާރުގެ ގިނަ ގޯސް ކަންތައްތަކެއް ފާހަގަކުރެއްވިއެވެ.
ކެމްޕޭންގައި ރައީސް ސޯލިހު ގިނަ ރަށްތަކަކަށް ދަތުރުފުޅު ކުރެއްވި ނަމަވެސް، އިދިކޮޅުގެ ތުހުމަތުތަކަށް އެންމެ އެދެވޭ ރައްދުތަކެއް ދެއްވިފައެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒެކޭ އެއްގޮތަށް ރައީސް ސޯލިހު ވެސް ގެންދެވީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ރައީސް ސޯލިހު ގެންދެވީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުކުރައްވަމުންނެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް އެ މަސައްކަތްތައް ކުރާތީ، އިދިކޮޅުން ދިޔައީ ފާޑުކިޔުންތައް ވެސް އަމާޒުކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް، ރައީސް މުއިއްޒެވެ. އެ މަނިކުފާނަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. ދެން އެންމެ ގާތުން ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 15،839 ވޯޓެވެ.
އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވީ ރައީސް މުއިއްޒާއި ރައީސް ސޯލިހެވެ. ދެވަނަ ބުރުގެ ކުރިން ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ ކޯލިޝަނަށް ޕާޓީތައް އިތުރުކުރުމަށެވެ. އެ ގޮތުން ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީން ވެސް ނިންމީ އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހެދުމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން އެމްޑީޕީއާއެކު މަސައްކަތްކުރި ނަމަވެސް، ދެވަނަ ބުރުގައި ފެނުނީ މުޅިން އިދިކޮޅަށެވެ. އެމްޑީއޭ އިން ވަނީ އެމްޑީޕީގެ ކޯލިޝަނުން ނުކުމެ، ރައީސް މުއިއްޒަށް ތާއީދުކުރުމަށް ނިންމައިފައެވެ. ޕީއެންސީއާ ދެން ކޯލިޝަން ހެދި ޕާޓީއަކީ އެމްއެންޕީއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް މުއިއްޒެވެ. ރައީސް މުއިއްޒަށް 129،159 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ.
ރައީސް މުއިއްޒަށް ވޯޓުދެއްވި ރައްޔިތުންނާއި، އެ މަނިކުފާނާ ދެކޮޅަށް ވޯޓުދެއްވި ރައްޔިތުން އަދި ވޯޓުގައި ބައިވެރި ނުވާ ރައްޔިތުންގެ ވެސް ބޮޑެތި އުންމީދުތަކެއް އެބަހުއްޓެވެ. އާ ސަރުކާރާ މެދު ގިނަ އުންމީދުތަކެއް ހުރި އިރު، އިތުބާރު ދެމެހެއްޓެވުމަށް ރައީސް މުއިއްޒަށް އޮތް އެންމެ ބޮޑު މަސައްކަތްޕުޅަކީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުން އެކި ރަށްރަށަށާއި އެކި ދާއިރާތަކަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމެވެ.
މިގޮތަށް އެތައް ހާސް ބަޔަކު، ސަރުކާރާ މެދު ގިނަ އުންމީދުތަކެއް ކުރެއެވެ. މައިންބަފައިން އެދެނީ އެމީހުންގެ ދަރީންނަށް އުފާވެރި މުސްތަގުބަލެކެވެ. އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންވަނީ އެ ދާއިރާއަކަށް ކުރިއެރުން ލިބުމަށެވެ. ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ އެންމެ އަސާސީ ގޮތުން ލިބެން ޖެހޭ ހިދުމަތްތަކާއި ބޭސްފަރުވާ އަދި ތައުލީމު ރަށުން ލިބޭނެ ގޮތް މެދުވެރިވުމެވެ. މާލޭގައި އެތައް އަހަރަކުއްސުރެ ދިރިއުޅެމުން އަންނަ ރައްޔިތުން ބޭނުންވަނީ އަތުން ބޮޑު ހަރަދެއް ނުކޮށް، ބޯހިޔާވަހިކޮށްލެވޭނެ ގޮތެކެވެ.
ރާއްޖޭގެ މާލީ ހާލަތާއެކު ރައީސް މުއިއްޒުގެ ސަރުކާރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އޭގެ އިތުރުން ސިޔާސީ މަޝްރަހުގެ ފިއްތުންތަކާއެކު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ތެރެއިން ފިއްތުންތަކެއް ކުރިމަތިވާ ނަމަ، އެކަމުގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީ ހިމެނޭ ކޯލިޝަނަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ، އެކަމުގެ އުނދަގޫވެސް ކުރިމަތިވާނެއެވެ.
ރައީސް މުއިއްޒަށް އެންމެ ބޮޑު މަސައްކަތްޕުޅަކަށް އޮތީ ގިނަ ރައްޔިތުންތަކެއް އެދެމުން އަންނަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމެވެ. އެގޮތުން މިދިޔަ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ 13،000 މީހުންނަށް ފުލެޓުދިނުމާ ދެން ހަވާލުވާން ޖެހޭނީ އާ ސަރުކާރުންނެވެ. މިދިޔަ ސަރުކާރުން ހަދަން ފެށި 4000 ފުލެޓުގެ މަސައްކަތް އަދި ފުރިހަމަކުރެވިފައި ނުވާ އިރު، އެ ފުލެޓުތައް ދިނުމަށް ޕޮއިންޓު ދިން ގޮތާ މެދު ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ހިމެނެއެވެ. އެގޮތުން އެއް ކަމަކީ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުމެވެ. އެ ވައުދު ރައީސް ވަނީ ފުއްދަވައިފައެވެ.
ނުވަ ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް ހާއްސަ 'ސޯޝަލް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި ހައުސިން ކެޓަގަރީ'އެއް ކަނޑައެޅުން ވެސް ހިމެނެއެވެ. އޭގެ އިތުރުން 14 ހަފުތާގެ ތެރޭގައި ބޯހިޔާވަހިކަމަށް ހާއްސަ 'ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް'އެއް ގާއިމުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަސް ޕަސަންޓް އިންޓަރެސްޓުގައި ތައާރަފުކުރާ ލުއިލޯނާ ބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ 'ހައުސިން އެޕްލިކޭޝަން ޕޯޓަލް' ގާއިމުކުރުން ވެސް ހިމެނެއެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ސިނަމާލެ އާއި މާލެހިޔާ ފުލެޓުތަކުގެ ވެރިފަރާތްތައް ކޮންޑޮމިނިއަމް ރަޖިސްޓަރީއެއްގައި ހިމެނުމާއި އެ ފުލެޓުތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓުކުރުމަށް ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ވެސް ހިމެނެއެވެ.
ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވަރަކީ ފުށިދިއްގަރުފަޅު ހިއްކައި، އެތަން ތަރައްގީކުރުމެވެ. އެ ފަޅު ރަސްމާލޭގެ ނަމުގައި ތަރައްގީކުރަން ނިންމައި، 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާ އެކު ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝަރޫއު، ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ސަރުކާރުން ސީދާ އެއްވެސް ހަރަދެއް ނުދާ ގޮތަށް އެކަން ކުރުމަށް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެވެ. ބަދަލުގައި އެ ކުންފުންޏަށް ދީފައިވަނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއިން 60 ހެކްޓަރެވެ. ބިން ހިއްކުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 8 މަސް ދުވަހުގެ މުއްދަތެކެވެ.
އާ ސަރުކާރަށް އޮތް ފަސޭހައަކީ ރައީސް މުއިއްޒު އެކުލަވައިލައްވައިފައިވާ "ތައުލީމީ ކެބިނެޓް"އެވެ. އެ ކެބިނެޓުގައި މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގައި އެޓާނީ ޖެނެރަލާއެކު ޖުމުލަ 22 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އަންހެން ތިން މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
މުއިއްޒުގެ ސަރުކާރުގައި ބައެއް މިނިސްޓްރީތައް އެއްކޮށްލައި ބައެއް މިނިސްޓްރީތައް ވަކިކޮށްފައިވާ އިރު، މުޅީން އަލަށް ދެ މިނިސްޓްރީއެއް އުފައްދަވައެވެ. އެއީ ދިވެހި ބަހަށް ހާއްސަ މިނިސްޓްރީއަކާ ލޯކަލް ގަވާނަންސް މިނިސްޓްރީ އެވެ.
އާ ސަރުކާރަށް ރާއްޖޭގެ ތަރައްގީ އާއި އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަން ހުރި އިރު، އިސް ސަފުގައި ތިއްބެވީ ތަޖުރިބާ އާއި ތައުލީމީ ގޮތުން ގާބިލު ބޭފުޅުންތަކެކެވެ. ރައީސް މުއިއްޒު ދެއްވާފައިވާ ޔަގީންކަމަކީ ރައްޔިތުންނަށް ފިއްލަވައިގެން ނޫޅުއްވައި، ވައުދުވި ހުރިހާ ކަމެއް ހާސިލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުން ތިބީ އާ އުންމީދެއްގައެވެ. ބޭނުންވެފައި ތިބީ އެ އުންމީދުތަކުގައި ކުލަ ޖެއްސުމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް