ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދީފައިވާ ލުއިތައް ރިވިއުކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރިޝްވަތުހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފިޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހާރު ހުންނެވީ ރަށު ބަންދުގައެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް ރައީސް ޔާމީން އުފެއްދެވީ އާ ސިޔާސީ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި މީގެ ކުރިން ބައިވެރިވެގަތުމާ ގުޅިގެންނާއި ޕީއެންއެފާ ގުޅުމަށް ފޯމުގައި ސޮއިކުރައްވަން އެ އޮފީހަށް ވަޑައިގަތުމުން ކަރެކްޝަންސްއިން އެކަން ބަލާފައި ވެއެވެ.

ރޭ ޕީއެންއެފްގެ ޖަލްސާއެއް ބާއްވާފައިވާ އިރު، ރައީސް ޔާމީން އެތަނަށް ވަޑައިގަންނަވާފައި ވެއެވެ. އެކަމާ ގުޅިގެން، އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއުކުރަމުންދާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވިއެވެ.

ރައީސް ޔާމީން ބަންދަށް އިތުރު ލުއިތަކަކަށް އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށް ކަރެކްޝަންސްއިން މީގެ ކުރިން ބުނެފައިވާ އިރު، އެ ލުއިތައް ނުދިނުމަށް ނިންމާފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ކަރެކްޝަންސްއިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔާމީނާ ގުޅުން ގޯސްވެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގައި ބަސްނުވިކޭ ކަމަށް ވިދާޅުވެ، ޔާމީން ވަނީ މި ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޕީޕީއެމް/ޕީއެންސީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވައިފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަވެސް މިހާރު އެ ކޯޓުގައި އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ.