ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށާއި މީޑިއާ ވިލެޖު ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މީޑިއާ ވިލެޖު ހެއްދެވުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް އިއްޔެ ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންތައްތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ މީޑިއާ ވިލެޖެއް ހެއްދެވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ވެސް އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވައި ބަޖެޓްގެ އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އެކަމާބެހޭ ވުޒާރާ އާ ހަވާލު ކުރައްވާފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ވެސް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.
މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙައްދުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު