ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބެލުމަށް ނިންމައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ މުދާތައް ފުލުހުން ހިފަހައްޓާފައި ވަނީ ފޭކު ޑޮކިއުމެންޓްތައް އުފައްދައިގެން ކޭޕާކް އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ފައިސާ ލޯންޑާ ކޮށްގެން ހޯދާފައިވާ މުދާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަމްދޫހުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ދެން މަމްދޫހުގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލަށް ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅުމުން ފަނޑިޔާރުންގެ ޕެނަލުން ނިންމެވީ މައްސަލަ ބަލައިގަތުމަށެވެ.

ރިވިއުގެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މައްސަލަ ބަލައިގަތުމަށް ނިންމެވީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އެވެ.

ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަސަބެއް ނެތުމުން ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ނުފެންނަ ކަމަށެވެ.

މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. މަންޑޭގެ މައްޗަށް ކޮށްފައިވަނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.

މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާތީއެވެ.

އަދި ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާ ކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާ އާއި ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީން ބުންޏެވެ.

ކޭ ޕާކުގެ މައްސަލައިގައި ވަނީ ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ކުރަން ފޮނުވާފައި ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާތަކަކީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާގެ އިތުރުން މަނީ ލޯންޑާ ކުރަން އެހީތެރިވުމުގެ ދައުވާއެއް ކަމަށް ޕީޖީން ބުންޏެވެ.