ކުރިއަށް އޮތް ރޯދަ މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ވަނީ ކީރިތި ގުރުއާން ހިތުދަސް ދިވެހި ހާފިޒުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު ޝަހީމް ވިދާޅުވީ ޒުވާން ހަފިޒުންނާ ބައްދަލުވުމަކީ ނުހަނު އުފާވި ކަމެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޒުން ކަމަށެވެ.
މިބައްދަލުވުމުގައި ރޯދަ މަހުގެ ކުރިން ގިނަ ހާފިޒުންނާ އެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށާއި ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދުމާއި އަދި ރޯދައިގެ ކުރިން ގުރުއާން މުރާޖިއާ ކުލާހެއް ފެށުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ފިގުހުއްސުނާގެ ނަމާދާ ބެހޭ ބައިގެ ތިން ފޮތް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ޒުވާން ހާފިޒަކަށް ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު