ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ޑޮލަރު ނެގޭ އަދަދު 1200 ޑޮލަރަށް އިތުރު ކުރަން ނިންމައިފިއެވެ.

މިހާރު ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު ނެގެނީ 750 ޑޮލަރެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެކަމާ ގުޅިގެން ނިންމަން ޖެހޭ ކަންކަން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލާއި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ނިންމުމުގެ މަސައްކަތް ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިވަގުތު ކަނޑައަޅާފައިވަނީ ހަމައެކަނި ރާއްޖޭން ބޭރުގައި ކިޔަވާ ދިރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑުކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ފަރާތްތަކަށްވެސް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބޭރުގައި އުޅޭ ދިވެހި ރައްޔިތުން ޑޮލަރު ލިބުމުގެ ދަތިތަކުގެ ވާހަކަ ޖުމްލަ ގޮތެއްގައި މަޝްވަރާ ކުރެވި، މަރުހަލާ ތަކަކަށް ބަހާލައިގެން އެކަމަށް ހައްލު ހޯދުމަށް ކެބިނެޓްގައި މަޝްވަރާ ކުރެވި ނިންމިފައި ވަނީ. އެގޮތުން ފުރަތަމަ މަރުހަލާގައި ދިވެހި ކިޔަވާ ކުދިންނަށް، އެއީ ސަރުކާރުގެ ސްކޮލާޝިޕްގައި ކިޔަވަން ގޮސް ތިބި ދިވެހި ކިޔަވާ ކުދިންނާއި އަމިއްލަ ގޮތުން ކިޔަވަން ގޮސް ތިބި ކުދިންނަށް މިކަން ހައްލުކޮށްދިނުން އެއީ ފުރަތަމަ މަރުހަލާ. އޭގެ މާނައަކީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ ހައްލު ލިބޭނީ ކިޔަވާ ކުދިންނަށްށޭ، އެހެން ފަރާތްތަކަށް އެކަމުގެ މަޝްވަރާ ކުރެވި ހައްލު ލިބޭނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހަމައެކަނި ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް ބޮޑު ކުރަން ނިންމީ އިގުތިސޯދު މިހާރު އޮތް ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށާއި ކުއްލި އަކަށް އަދަދުތައް ބޮޑުކޮށްފިނަމަ، އިގުތިސޯދަށް އަރާނެ ލޮޅުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި މުޅި ސިޔާސަތަކީ ރާއްޖޭން ބޭރަށްދާ ހުރިހާ ދިވެހިންނަށް ކާޑުން ނެގޭ ޑޮލަރުގެ އަދަދު ބޮޑު ކުރުން ކަމަށާއި ރާއްޖޭގެ އިގުތިސޯދަށް ރިއާޔަތްކޮށްފައި އެ ބަދަލުތައް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.