ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، "އުރީދޫ ޑްރޯން ރޭސް 2023" ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ނިމިގެންދިޔަ އެ ރޭސް ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އިރު، 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއެވެ. ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެއެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން އަށް ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާ އިރު، ސްކައި އެލީޓް ކެޓަގަރީން ހަތަރު ބައިވެރިން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި ދެ ލެޕް ނިންމުމަށް ވާދަކޮށްފައިވެއެވެ.

އެ ރޭހާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ރޭސް، އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ އެ ޑްރޯން ރޭހުގައި ވާދަކޮށް ވަނަތައް ހޯދި ހުނަރުވެރި ޕައިލެޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

"މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، އާ ކަންތައްތަކާއެކު މިއަށްވުރެ ވެސް ފުރިހަމަކަމާއެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ނިޔާޒް ވިދާޅުވިއެވެ.

ސްކައި އެލީޓް ކެޓަގަރީން ވާދަކުރި ފަރާތްތަކުގެ ތެރެއިން 1:00:55 ގެ ތެރޭގައި ރޭސް ނިންމާ އެއްވަނައަށް ދާ ފަރާތަށް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބުކޮށްފައިވަނީ މުހައްމަދު އާލިން ޝާފިއުއެވެ. 1:06:11 އިން ރޭސް ނިންމައި، ހަމްޒާ ވަސީމް ދެވަނަ ހޯދާފައިވާ އިރު، ތިންވަނަ ހޯދާފައިވަނީ 1:08:10 މިނެޓުން ރޭސް ނިންމި ހުސައިން އަލޫފް ރިޔާޒެވެ. ދެވަނައަށް ދިޔަ ފަރާތަށް ތިން މަސްދުވަހުގެ (1536 ޖީބީ) ޕެކޭޖާއެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ލިބިފައިވާ އިރު، ތިންވަނަ ހޯދި ފަރާތަށް ލިބުނީ 2000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.

ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ އިބްރާހިމް ޝަބީލް 01:11:78 އިން ރޭސް ނިންމާފައިވާ އިރު، ދެވަނައަށް ދިޔަ އައްޝަމް ޝަރީފް ހުނަރުވެރިކަމާއެކު 01:25:94 އިން ރޭސް ނިންމާފައިވަނީ އައްޝަމް ޝަރީފެވެ. އެ ކެޓެގަރީން އެއްވަނަ ހޯދި ޝާބިލްއަށް ޑީޖޭއައި މިނީ 2 އެސްއީއެއް ލިބިފައިވާ އިރު، ދެވަނަ ހޯދި ފަރާތަށް ތިން މަސްދުވަހުގެ (750 ޖީބީ) ޕެކޭޖާއެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ލިބިފައިވެއެވެ. އޭގެ އިތުރުން 01:27:36 އިން ރޭސް ނިންމައި، ތިންވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1000 ރުފިޔާގެ މޫލީ ވައުޗަރެއް ލިބިފައިވެއެވެ.

ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ ރާއްޖޭގެ ރަސްމީ ޑީޖޭއައި އޮތޮރައިޒްޑް ސެލާގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މި އިވެންޓުގެ ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ އިވެންޓުތަކާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އެފްޕީވީ ރޭސިން އިތުރުވެ ފުޅާވެގެންދިއުން،" ނިހާދު ވިދާޅުވިއެވެ.

އުރީދޫ ޑްރޯން ރޭސް 2023ގެ ރޭސް ޑިރެކްޓަރު، އަލީ ނައީމް ވިދާޅުވީ މިއަދަކީ އާރުސީއަށް ޝައުގުވެރިވާ ފަރާތްތަކަށް އުފާވެރި ދުވަހެއް ކަމަށާއި ތަޖުރިބާކާރު އާރުސީ ހޮބީސްޓެއްގެ ހައިސިއްޔަތުން، މި ހަރަކާތުގެ ސަބަބުން ރޭސިން މުބާރާތްތައް އިތުރުވެ، ރާއްޖޭގައި އާރުސީ އިވެންޓްތަކުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޑްރޯން ރޭސިންގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ތަފާތު މޮޑެލް އެއާކްރާފްޓް ހަރަކާތްތަކަށް ދޮރުހުޅުވި، އިންކްލޫސިވް އަދި އެންޓަޓައިނިން އާރުސީ އިވެންޓްތަކަށް މަގުފަހިވެގެން ދާނެ. މި އިވެންޓުގެ ކާމިޔާބާއި އުރީދޫ ފަދަ ކުންފުނިތަކުން މިފަދަ ކަންކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތުން އާރުސީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ،" ނައީމް ވިދާޅުވިއެވެ.

އުރީދޫން ބުނީ، އުރީދޫ ޑްރޯން ރޭސް 2023ގެ ކާމިޔާބީއާއެކު، އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނެ ކަމަށެވެ.