ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ލ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 3-1ގެ ނަތީޖާއަކުން ހަމަދު ސްކޫލް ބަލިކޮށްގެންނެވެ. މިއީ ލ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެޓީމުން މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކުޅެފައިވާ އިރު، އެފަހަރު ފައިނަލުގައި ބަލިވީ ލ. އަތޮޅު މަދަރުސާ ކައިރިންނެވެ.

މިއަދުގެ މެޗު ތައުލީމީ މަރުކަޒުން ވަރުގަދަކޮށް ފަށާފައިވާ އިރު، 10 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އަހުމަދު ރިޔާނެވެ. މެދުތެރެއިން ދުއްވާލި ޕާސް، ރިޔާނު ނިންމާލީ ފަސޭހަ ކަމާއެކުގައި ހުސްކޮށް އޭރިއާ ތެރެއަށް ވަދެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތައުލީމީ މަރުކަޒުން އިތުރު ދެ ގޯލު ޖެހިއެވެ. މުހައްމަދު އިނާލް އިބްރާހީމްގެ ހިތްގައިމު ހިލޭ ޖެހުމަކުން އެޓީމުން ދެވަނަ ގޯލެއް ޖެހި އިރު، މުހައްމަދު ރާޔިސް މުހުސިން ވަނީ ތިންވަނަ ގޯލެއްވެސް ފުރަތަމަ ހާފުގައި ޖަހައިފައެވެ.

ދެވަނަ ހާފަށް ނުކުމެ، ހަމަދުން ކުޅުން ރަނގަޅުކޮށް މުހައްމަދު ރިފްދާން އަލީގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ފައިނަލް މެޗަށްފަހު އެކިއެކި މަގާމުތަކަށް ތަށްޓާއި ޓްރޮފީ ދީފައިވާ އިރު، މިއަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތައުލީމީ މަރުކަޒުގެ ކެޕްޓަން އަހުމަދު ސަޖުލް ޝުއައިބެވެ. އެންމެ މޮޅު ކޯޗަކީ ތައުލީމީ މަރުކަޒުގެ ކޯޗު، މުހައްމަދު އަނަސްއެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންނާއެކު އެންމެ މޮޅު ގޯލްކީޕަރުވެސް ހޮވާފައިވެއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ލ. މާމެންދޫ ސްކޫލްގެ ޔޫސުފް ނުއައިމް ހޮވުނު އިރު، ފެއާޕްލޭ ޓީމަކީ މާވަށު ސްކޫލެވެ.

  • މުހައްމަދު ރިފްދާން އަލީ - ހަމަދު ސްކޫލް
  • އިބްރާހީމް ނަސީހު - ހަމަދު ސްކޫލް
  • ޒަޔާން އިބްރާހީމް ހަލީލް - ހަމަދު ސްކޫލް
  • އަހުމަދު ސަޖުލް ޝުއައިބު - ލ. އަތޮޅު ތައުލީމީ މަރުކަޒު
  • އިބްރާހީމް ވިކާޝް އަހުމަދު - ލ. އަތޮޅު ތައުލީމީ މަރުކަޒު
  • އަހުމަދު ރިޔާން - ލ. އަތޮޅު ތައުލީމީ މަރުކަޒު
  • އިބްރާހީމް އަމަން ޝަފީގު (ގޯލްކީޕަރު) - ލ. އަތޮޅު ތައުލީމީ މަރުކަޒު
  • އަހުމަދު ރުވާއު - ދަނބިދޫ ސްކޫލް
  • މުހައްމަދު ހަލަފް - ދަނބިދޫ ސްކޫލް
  • އިބްރާހީމް ނަޒީލް ޖަމީލް - މާމެންދޫ ސްކޫލް
  • ހޫދު އަހުމަދު ފަތުހީ - އިސްދޫ ސްކޫލް

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ މަގާމު ތިން ކުޅުންތެރިޔަކަށް ލިބިފައިވެއެވެ. އެއީ ހަތް ގޯލު ޖެހި، ސަޖުލްއާއި ރިފްދާން އަދި ރުވާއު އަށެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.