ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން މިއަދު ބުނީ ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުން މިމަހުގެ 21 ވަނަ ދުވަހު ނިންމާފައިވަނީ، އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ކަމަށެވެ. އަދި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިހާބުތަކާ ގުޅޭ ކޮމިޓީގެ ބެލުމުގެ ދަށުން އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުގައި ވަނީ "މި ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކަކީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް މި ޕާޓީގެ ދަފުތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައިވުމަށް ފާސްކޮށްފައި،" ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅާ އިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްފައިވާ ފޯމާއި، މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރެކޯޑު ސާފުކޮށްފައިވާ ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ވެސް ފާސްކޮށްފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
އޭގެ އިތުރުން ޕްރައިމަރީގައި ވޯޓު ދެވޭނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށް ފާސްކޮށްފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
މަޖިލީހުގައި މިހާރު ތިބީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 12 މެމްބަރުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި 12 މެމްބަރުންނެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމާއެކު އެ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު