މާލެ ސަރަހައްދުން އިތުރު ހަ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕިއޭއިން މިއަދު ބުނީ ކުޅުދުއްފުށި ސިޓީގައި ހިންގި ބިދޭސީ މަސައްކަތު މީހުންގެ ސްކްރީނިން ކޭންޕްގެ ތެރެއިން ފައިލޭރިއާއަށް ޕޮސިޓިވް ކޭސްތައް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާޔާއެކު ކުރި ހާއްސަ މަސައްކަތުގެ ތެރެއިން ބައްޔަށް ޓެސްޓު ކުރުމުގެ ތެރޭގައި އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގައި ބިދޭސީން ފައިލޭރިއާއަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ ޓެސްޓުތައް ކުރިއަށް ގެންދިޔައީ ބިދޭސީ މަސައްކަތު މީހުންގެ ސައިޓުތަކުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅުން ޖުމްލަ 89 މީހުން ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން ހުޅުމާލެއިން ފަސް މީހުންނާއި ގުޅިފަޅުން އެކަކާއި މާލެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު މާލެ ސަރަހައްދުން ޖުމްލަ ހަތް މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވެއެވެ.

ފައިލޭރިއާއަށް ޓެސްޓުކުރި މީހުންގެ ތެރެއިން ކުޅުދުއްފުށިން ވަނީ 25 މީހުން ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 683 މީހަކު ފައިލޭރިއާއަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 651 މީހުން ނެގެޓިވްވެފައިވާ އިރު، 32 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، މިހާތަނަށް ކުރި ޓެސްޓުތަކުން އެއްވެސް ދިވެއްސެއް ޕޮސިޓިވްވެފައި ނުވާ ކަމަށެވެ.

މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި ބިހާރުގެ 18 މީހަކާއި އިންޑިއާގެ ތެމިލްނާޑުގެ އެކަކާއި ޖޮޕަލްގަންޖުގެ އެކަކު އަދި ބަންގްލަދޭޝްގެ ދެ މީހެކެވެ.