ނުނިމި އޮތް ރާއްޖޭގެ 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޮޕްމަންޓް ކޯޕްރޭޝަނުން ބުނެފިއެވެ.

އާރުޑީސީން އިއްޔެ ބުނީ، ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހާލައިގެން އެކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކެވެ.

އެ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. ހޮޅުދޫ އަދި ވެލިދޫ، ޅ. ހިންނަވަރު، މ. މުލައް، އދ، މާމިގިލި، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ލ. ގަން ފޭސް ދޭއް، ގދ. ތިނަދޫ ފޭސް ދޭއް އަދި ގދ. ގައްދޫއެވެ.

އާރުޑީސީން އަތޮޅުތަކުގެ ރަށްތަކުގެ މަގުތައް ނިންމަން ފަށާފައިވާ އިރު، މާލޭގެ އަމީނީމަގު ނިންމުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

އަމީނީމަގުގެ ނުނިމި އޮތް ދެ ބައި ހެދުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގައި 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ.

އަމީނީ މަގުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުމުން ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ. އެ މަސައްކަތުގެ ދަށުން އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.