އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އެމްޑީޕީން މަޖިލިސް ޕްރައިމަރީއަށް ފުރަތަމަ ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވާން އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އަށެވެ.
އެމްޑީޕީން މިއަދު ބުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މަޖިލިސް ޕްރައިމަރީއަށް ހުޅުވާލުމަށް މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާ އެމްޑީޕީގެ ކޮންމެ މެންބަރަކަށްވެސް މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް ކުށުގެ ރެކޯޑް ސާފުކުރުމުގެ އިތުރުން ހުރިހާ ކޯޓެއްގައި އެ މީހެއްގެ ކުށުގެ މައްސަލައެއް އޮތްތޯ މި ފަހަރު ބަލާނެ ކަމަށް ވިދާޅުވެފައިވެއެވެ.
"މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކުށުގެ ރެކޯޑުގެ އިތުރުން މީގެ ކުރިން ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލަނީ މާލޭގައި ހުންނަ ސްޕީރިއާ ކޯޓާއި އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ކޯޓުގައި އެ މީހެއްގެ ދަރަނީގެ މައްސަލައެއް އޮތްތޯ، ނަމަވެސް މިހާރު ހުރިހާ ކޯޓުތަކެއް ބަލާނެ. އެހެންކަމުން ޑީޖޭއޭއަށް ފަސް ދުވަސް ބޭނުންވާތީ ޕްރައިމަރީއަށް ވާދަކުރާއިރުވެސް އެެއްވެސް ކޯޓެއްގައި މައްސަލައެއް އޮތްތޯ ބަލާފައި ހުށަހަޅަން ޖެހޭނެ،" އިބުރޭ ވިދާޅުވެފައިވެއެވެ.
އިބުރޭ ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ބާއްވަންޖެހޭ ތަންތަނުގައި ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ 26 އަދި 27 ގައި ކަމަށާއި ދެ ދުވަހަށް ބަހާލައިގެން ޕްރައިމަރީ ބާއްވަން ނިންމީ އިދާރީ ގޮތުން އިންތިޒާމުތައް ފަސޭހަކުރަން ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 16ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ މީހުންނަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު