ކުޑަކުދީން ޓްރެފިކް ކުރުމަށް މަގުފަހިކޮށްދޭ ކަމަށް ބުނެ ފޭސްބުކާއި އިންސްޓަގުރާމަށް ދައުވާކޮށްފިއެވެ. ފޭސްބުކާއި އިންސްޓަގްރާމުން ކުޑަކުދިން ޓްރެފިކް ކުރުމަށް މަގުފަހިކޮށްދޭ ކަމަށް ބުނާ މައްސަލަތައް ގިނަވެ މިހާރު މި ފަދަ އެތަކެއް މައްސަލަތަކާއިއެކު އެމެރިކާގެ ހުޅަނގު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ޓޮރޭޒް ވަނީ މި މައްސަލަ ކޯޓަށް ވައްދަވައިފައެވެ.

މި ދައުވާގައި ބުނެފައި ވަނީ މެޓާއިން ރަނގަޅަށް މޮނިޓާ ނުކުރުމުގެ ސަބަބުން "ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ ބާޒާރެއް" އުފެދިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބޭނުން ކުރެވޭ އެ ޕްލެޓްފޯމް ތަކުގައި ކުޑަކުދިންނަށް، ޖިންސީ އަމަލުތައް ފެންނަ ވީޑިއޯތަކާއި މަގު އޮޅޭނެ އިޝްތިހާރުތަކާއި އެފަދަ އެހެން އެކައުންޓުތައް ފެންނަ ކަމަށެވެ.

މި މައްސަލާގައި ދައުވާ ކުރަން ނިންމީ ކުޑަކުދީންނަށް ތަފާތު ގޯނާތައް އިންޓަނެޓް މެދުވެރިކޮށް ކުރުމަށް ފުރުސަތު ލިބޭއިރު އެއިން އެއްވެސް އެކައުންޓެއް ފޭސްބުކުން ބުލޮކްކޮށްފައި ނުވާތީ ކަމަށް އޭޖީ ޓޮރޭޒްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ނިއު މެކްސިކޯގެ ގާނުނުތަކުން އަންފެއާ ޕްރެކްޓިސްގެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮންމެ މައްސަލައެއްގައި ފޭސްބުކް ހިންގާ މެޓާ ކުންފުނި 5،000 ޑޮލަރުން ޖޫރިމަނާ ކުރުމަށް މި ދައުވާގައި ވަނީ ބުނެފައެވެ. އަދި މި ދައުވާގައި ވަނީ މެޓާއާއި އިންސްޓަގްރާމްގެ ސަބަބުން ނިއު މެކްސިކޯގެ "އެތައްހާސް" ކުޑަކުދީންގެ ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ކަމަށާއި މި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އެދިފައެވެ.

މިދައުވާތަކާ ގުޅިގެން ފޭސްބުކު އަދި އިންސްޓަގުރާމް ހިންގާ މެޓާ ކުންފުނިން ބުނެފައި ވަނީ ޗައިލްޑް އެކްސްޕްލޮއިޓޭޝަން އަކީ ބިރުވެރި ޖަރީމާއެއް ކަމަށާއި، އޮންލައިންކޮށް އެފަދަ ކަންތައްތައް ކުރާ މީހުންނަކީ ކުށްވެރިން ކަމަށް ކަނޑައެޅިފައިވާނެ ކަމަށެވެ. މެޓާއިން މަސައްކަތް ކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށްވާ އޭއައި ބޭނުންކޮށް، ޗައިލްޑް ސޭފްޓީ އެކްސްޕާޓުންގެ އެހީއާއެކު، ނެޝަނަލް ސެންޓަ ފޮ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަން އަށް ކޮންޓެންޓް ރިޕޯޓްކުރުމާއި، އެހެނިހެން ކުންފުނިތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މައުލޫމާތުތަކާއި ވަސީލަތްތައް ހިއްސާކުރަމުން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މެޓާއިން ކުޑަކުދީންގެ ރައްކާތެރިކަމުގެ ފީޗާތައް ހަރުދަނާ ކުރަމުން އަންނަކަން އިއުލާނު ކުރިތާ ހަފުތާއެއްވެސް ނުވަނީސް ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފައި ވަނީ ފޭސްބުކާއި އިންސްޓަގްރާމްގައި ފަތުރަމުންދާ އެކިއެކި ނޭދެވޭ މައުލޫމާތާއި މަންޒަރުތަކުގެ ސަބަބުން ކުޑަކުދީން ވިއްކާ ނެޓްވޯކްތަކުގެ ޝިކާރައަކަށް ކުދީން ވާކަމަށާއި އަދި އެ ނެޓްވޯކްތަކަށް ފޭސްބުކްގެ ތެރެއިން އެކިއެކި މަންފާ ހޯދޭކަން ވެސް ވަނީ ހާމަވެފައެވެ.

އެޓާނީ ޖެނެރަލް ޓޮރޭޒް ވިދާޅުވި ގޮތުގައި އޭނާގެ އޮފީހުގެ ތަހުގީގަށް އެނގިފައިވާ ގޮތުން ކުޑަކުދީންނާ ނުގުޅޭ ތަފާތު ކަންކަން މިފަދަ އެހެން އެއްވެސް ޕްލެޓްފޯމެއްގައި ނުހުންނަ މިންވަރަށް ފޭސްބުކާއި އިންސްޓަގްރާމްގައި ހުރެއެވެ. މެޓާގެ އެންފޯސްމަންޓް ޕޮލިސީތައް ޓެސްޓް ކުރުމަށް ޓޮރޭޒްގެ އޮފީހުގެ އިންވެސްޓިގޭޓަރުން ވަނީ ފޭކް ޕްރޮފައިލްތަކެއް ހަދައިފައެވެ. އެ ޓީމުން ވަނީ 13 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަގެ ގޮތުގައި ސިފަކޮށް އެކައުންޓްތަކެއް ހުޅުވައި، "އަންހެން ދަރިފުޅު ޓްރެފިކް ކުރަން ޝައުގުވެރިވާ" ކަމަށް ބުނެފައެވެ. މި ދެ އެކައުންޓުން ވެސް ފޭސްބުކްގެ 5،000 ފްރެންޑް ލިމިޓަށް ކުޑަދުވަސްކޮޅެއްގެ ތެރޭ ވަނީ އަރައިފައެވެ. އެހެން ކަމުން މި ކަމުންވެސް ހާމަވަނީ ފޭސްބުކް މޮޅު ޓެކްނޮލޮޖީ ފެއިލްވެފައިވާ ކަމާއި މޮޅު އޭއައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަން ކަމަށްވެސް ބުނެފައިވެއެވެ.