ސުޕްރީމް ކޯޓުން މިއަހަރު ވަނީ ތާރީހީ ހުކުމެއް ކޮށްފައެވެ. އެ ހުކުމަކީ ގިސާސް ހިފުމަށް ހުރަސް އެޅޭތީ، ގާނޫނުލްއުގޫބާތުގެ އަކުރެއް ބާތިލުކުރުމަށް ކުރި ހުކުމެވެ. މިއީ ވަރަށް މަދު ހާލަތެއްގައި ޝަރުއީ ދާއިރާއިން ކުރާ ކަމެކެވެ. ސަބަބަކީ ދައުލަތް ބެހިގެން ވަނީ ތިން ބާރަކަށެވެ. އެއީ ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ އިތުރުން ޝަރުއީ ދާއިރާ އެވެ. މިއިން ކޮންމެ ބާރެއް މަސައްކަތް ކުރަން ޖެހެނީ އަނެއް ބާރުތަކުގެ މައްޗަށް މަސްހުނި ނުވާ ގޮތަށް އަދި އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭ ގޮތަށެވެ. ސުޕްރީމް ކޯޓުން ގާނޫނުތައް މާނަކޮށް، ހުކުމް ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ކުރީން މި ދެންނެވި ގޮތަށް ގާނޫނުން އަކުރެއް އުނިކުރުން ނުވަތަ މާއްދާއެއް ބާތިލުކުރުމަކީ ވަރަށް ހައްސާސް ހާލަތެއްގައި މެނުވީ ކުރާކަމެއް ނޫނެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ އެފަދަ ނިންމުންތަކުގެ ސަބަބުން ގާނޫނު ހެދުމުގެ ބާރު މައްޗަށް އަރައިގަންނަ ކަމުގެ ތުހުމަތު ކުރެވި، ޝަރުއީ ދާއިރާގެ އަގު ވެއްޓިދާނެތީއެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ"ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަށް ރިއާޔަތްކޮށް، ގަސްދުގައި މީހުން މަރާ މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގައި ވަނީ މަރުގެ އަދަބު ނުވަތަ ގިސާސް ހިފުމަށް ބަޔާންކޮށްފައެވެ. އިސްލާމީ ޝަރީއަތުގައި ވެސް އޮންނަނީ ގަސްދުގައި މީހުންގެ މަރާ މީހުންގެ މައްޗަށް ގިސާސް ހިފުމަށެވެ.
ރާއްޖޭގައި މީގެ ކުރިން މަރުގެ އަދަބު ދީފައި އެބަހުއްޓެވެ. ނަމަވެސް ފަހުން އެކަން ވަނީ ހުއްޓިފައެވެ. މަރަށް މަރު ހިފާ ވާހަކަ މި ފަހުން އެންމެ ގަދައަށް ދެކެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެފަހަރު ވަނީ މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތުގެ އިޖުރާއަތްތައް ކަނޑައަޅައި ގަވާއިދު އެކުލަވާލައި އާންމުކޮށްފައެވެ. ގަވާއިދު އާންމުކުރީ ހޯމް މިނިސްޓްރީންނެވެ. އެ ގަވާއިދު އެކުލަވާލިފަހުން ވެސް ވަނީ މަރުގެ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ. ގަވާއިދުގައިވާ ގޮތުން، ދަށު ކޯޓުން އިއްވާ މަރުގެ ހުކުމުގެ ސައްހަކަން ދައުލަތުގެ ފަރާތުން މަތީ މަރުހަލާގެ ހުރިހާ ކޯޓަކުން ކަށަވަރުކުރަން ޖެހެއެވެ. މީހަކަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން، މަރުގެ ހުކުމަށް ތާއީދުކޮށް، ދަމަހައްޓައިފިނަމަ އެވެ.
ގަވާއިދުގައި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވި ނަމަވެސް ރާއްޖޭގެ ގާނޫނުލްއުގޫބާތު އޮތީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ކަމަށާއި، އެ ގާނޫނުގައި ވާ އެ ހުރަސް ކުރިމަތިވާ މާއްދާ ބާތިލު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުން ބާތިލު ކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ.
މަރުގެ އަދަބު ސާބިތުވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ، ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެ ކަމަށެވެ. އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން އަމަލީގޮތުން ޔަގީން ކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭން ވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ކުށުގެ އިއުތިރާފުގެ ބައި ހިމެނޭ އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެ ފަދަ ކުށަކަށްވާ އިއުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެމީހަކު އެ ކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިހްތިޔާރުގައިވެފައިވާ އިއުތިރާފަކަށް ނުވާހާ ހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިއުތިރާފު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
ހެކީގެ މިންވަރު ކަނޑައަޅާފައިވާ އެ މާއްދާގެ (ނ) ގެ (1)ގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައިވާ މިންވަރަށް ކުށް ސާބިތުކުރުމަށް ޓަކައި ހުށަހަޅާ ކޮންމެ ހެއްކަކީވެސް، ސަލާމަތް ބުއްދި ހުރި އަދި އަދުލުވެރި މީހެއްކަން ކަނޑައަޅަން ވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ބާތިލުކުރި އެ މާއްދާގެ (ނ)ގެ (2) ގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތީން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާ އެއްވެސް މިންވަރަކަށް ފުށުއެރުމެއް ވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
ގާނޫނުލްއުގޫބާތުން މި ބައި އުނިކުރަން ސުޕްރީމް ކޯޓުން ހުކުމްކުރީ، މާފަންނު ފެއަރީ ކޯނަރު، އަލީ ޝިފާން މަރާލިކަން ސާބިތުވެގެން، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ، މައްޗަށް ހައިކޯޓުން ކުރި މަރުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގައި އިއްވި ހުކުމާއެކުއެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޝައިފަން މަރަން ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކޮށްފައެވެ.
މި ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔުގައި ގާނޫނުލް އުގޫބާތާ ހަވާލާ ދެއްވައި، ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ހާސިލްކުރުން މުސްތަހީލު ޝަރުތެއް ކޯޓަށް މަތިކޮށް، ގިސާސް ހިފުމަށް ހުރަސްއެޅޭ މާއްދާއެއް ކަމަށެވެ. ގިސާސް ހިފުމަކީ ސީދާ ކީރިތި ގުރުއާނުގައި ބަޔާންކޮށްގެން އައިސްފައިވާ އުގޫބާތެއް ކަމަށާއި، އެހެންކަމުން އެއީ އިސްލާމީ ޝަރީއާގެ އަސްލެއް ކަމަށްވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެއާ ހިލާފުވާ ގޮތަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި، މާނަ ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލު އެއްޗަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއާގައި ގަސްދު މަރު ސާބިތު ކުރަން ބޭނުންވާ މިންވަރަކީ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަމަށް އިސްލާމީ އިލްމްވެރިން އެއްބަސްވާ ކަމާއި އެއީ ހިލާފެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މިންގަނޑަކީ އިސްލާމީ ޝަރީއާގެ އެއްވެސް ޝުބުހާއެއް ނެތް މިންވަރު ކަން އެނގޭ ކަމަށެވެ. އެ މިންވަރު ސާބިތުކޮށްދިނުމުން މަރުގެ އަދަބު ދެވޭނެ ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް