އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން މިއަދު ބުނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ މާދަމާގެ ފަން ރަން ވީކެންޑުގެ ތެރޭގައި އޮންނާނެ ކަމަށެވެ.

ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން 11:00 އަށް ކަމަށް އުރީދޫން ބުންޏެވެ. އެއީ ޑްރޯން ރޭސްގެ ފައިނަލް ކަމަށާއި ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް)ގެ ޕައިލެޓުން ބައިވެރިވާނެ ކަމަށް އުރީދޫން ބުންޏެވެ. ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ ހަވީރު 3:30 އިން 6:00 އަށް އުރީދޫ ފަން ރަން ކުރިއަށްދާނެ ކަމަށާއި އެއީ މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފަސް ކިލޯމީޓަރުގެ ދުވުމެއް ކަމަށް އުރީދޫން ބުންޏެވެ. އެ ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ބައިވެރިވާނެ ކަމަށެވެ.

"ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސްތަކާއެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެއެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ، ޖޮގް ކޮށްލާފަ، ނުވަތަ ނަށާލާފަ ވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިހުތިޔާރުކޮށް ދުވުން ނިންމާލެވޭނެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝާ މެޑަލް އަކާއި މިއުޒިކް ޝޯއަކާއެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެ،" އުރީދޫން ބުންޏެވެ.

އެއަށްފަހު އޮންނާނީ އުރީދޫ މިއުޒިކް ފެސްޓިވަލްއެވެ. އެ ފެސްޓިވަލް އޮންނާނީ މާދަމާ ރޭގެ 8:00 އިން 12:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ޝޯ ގައި މަގުބޫލު އާޓިސްޓުން ފެނިގެންދާނެ ކަމަށާއި އެގޮތުން ހަބޭސް ބޮޑުބެރު، ޑިޓިއުން، މީރާ، ޝަމްބެ އަދި އިންމަ، ޑިޖޭ ދީދު، ޒަކިއްޓެ އަދި ޓްރަފިކް ޖޭމްގެ ހުށަހެޅުންތައް ޝޯއިން ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.