މާލޭހިޔާ އާއި ސިނަމާލޭ ފްލެޓުތައް އަލުން ތަރައްގީކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ރޭ ބޭއްވި "ކަންގަތި 2023" އެވޯޑު ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލޭ ފްލެޓުތައް ބާވެ، ރޫޅެމުންދާ މައްސަލައަކީ އެ މަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމުގެ ހައްލު ހޯއްދަވާފައިވާ ކަމަށާއި އެއީ އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތް އަލުން ބިނާކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ، އެކަމުގައި މާލީ އެއްވެސް ތަކުލީފެއް، އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، މި އިމާރާތްތަކުގެ މަސައްކަތް، އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ގިނަ ރައްޔިތުންގެ ފަރާތުން އެ މަނިކުފާނަށް ލިބިފައިވާ ޝަކުވާއެއް ކަމަށެވެ. ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކައާއި އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ، ރައްޔިތުން އެ މަނިކުފާނާ ހިއްސާކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކުވެސް ކަރުނަ އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހިންނަށް ގެނެސްދިނުން ކަމަށެވެ. އަދި އެންމެ ޒަމާނީ ސިޓީތަކަށް، އާ ޖީލުތަކުގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު