ލ. އަތޮޅުގެ ސްކޫލުތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް، ލ. އަތޮޅު ތައުލީމީ މަރުކަޒު، ލ. މާމެންދޫ ސްކޫލް، ލ. ދަނބިދޫ ސްކޫލް އަދި ހަމަދު ސްކޫލުން ޔަގީންކޮށްފިއެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމްގައި މެޗުތައް ކުރިއަށްދާ އިރު، ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައެވެ. އިއްޔެއާއި ރޭ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކުޅެފައިވާ އިރު، އިއްޔެ ހަވީރު ގްރޫޕް ބީގައި ލ. އަތޮޅު ތައުލީމީ މަރުކަޒާއި އިސްދޫ ސްކޫލް ވާދަކުރި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭ ދަނބިދޫ ސްކޫލުން ގްރޫޕް ބީގެ އެއްވަނަ ހޯދީ، 1-0ގެ ނަތީޖާއަކުން އިހައްދޫ ސްކޫލު ބަލިކޮށްގެންނެވެ. އިހައްދޫ ސްކޫލު ކޮޅަށް ރޭ ދަނބިދޫގެ ގޯލު ޖެހީ އަހުމަދު ރުވާއުއެވެ.

ދަނބިދޫން ގްރޫޕް ބީގެ އެއްވަނަ ހޯދީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ދެވަނަ ހޯދި ތައުލީމީ މަރުކަޒަށް ލިބިފައިވަނީ ހަތަރު މެޗުން އަށް ޕޮއިންޓެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދި މާމެންދޫ ސްކޫލަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ހަމަދު ސްކޫލަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މާދަމާއެވެ. މާދަމާ ހަވީރު އޮންނަ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ލ. އަތޮޅު ތައުލީމީ މަރުކަޒު ނުކުންނާނީ މާމެންދޫ ސްކޫލާ ދެކޮޅަށެވެ. މާދަމާ ރޭ އޮންނަ ސެމީ މެޗުގައި ހަމަދު ސްކޫލް ނުކުންނާނީ ދަނބިދޫ ސްކޫލާ ދެކޮޅަށެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.