ކުޅުދުއްފުށި ސިޓީގެ ކުޅި ހިމެނޭ ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަން އެ ރަށު ސިޓީގެ ކައުންސިލުން، ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާރްއޭސީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން، ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށެވެ.

"އެމްއޯޔޫއެއްގައި ސޮއިކުރެވިފައި ވަނީ އެއާޕޯޓާ އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމަށެވެ" އާރްއޭސީއެލްއިން ބުންޏެވެ.

އެ ސަރަހައްދަކީ މިހާރު އެއްވެސް ބޭނުމެއް ނުކުރެވި އޮތް ހުސްބިމެއް ކަމަށާއި އާރްއޭސީއެލްގެ މަގުސަދަކީ އެ ސަރަހައްދަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް މަންފާކުރާނެ ތަނަކަށް ހެދުން ކަމަށް އާރްއޭސީއެލްއިން ބުންޏެވެ. އެކަމުގެ ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެ، ކުޅުދުއްފުށި ދުނިޔެއަށް މާކެޓް ވެގެންދާނެ ކަމަށް އާރްއޭސީއެލްއިން ބުންޏެވެ. އަދި ފުލައިޓު މޫވްމެންޓް އިތުރުވެ، ކުޅުދުއްފުއްޓަށް އިގްތިސޯދީ ކުރިއެރުން ލިބި ވަޒިފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

އެ ކުންފުނީގެ އެމްޑީ މުބީން ގެންދަވަނީ ކުންފުންޏަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް އާރްއޭސީއެލުން ބުންޏެވެ.

މުބީންގެ އަމާޒަކީ ކޮމާޝަލީ ވައިބަލް މަޝްރޫއުތަކަށް އިންވެސްޓުކޮށް، ސަރުކާރުގެ މާލީ އެހީއަށް ބަރޯސާވެފައި އޮތްއޮތުން ތިން އަހަރުގެ ތެރޭގައި ނިމުމަކަށް ގެނެސް، ފައިސާ ނެރޭ ތަނަކަށް އާރްއޭސީއެލް ހެދުން ކަމަށެވެ.