ގުޅިފަޅުން އިތުރު 85 ހެކްޓަރު އަދި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅުގައި މިހާރު ފެށިގެން ކުރިއަށްގެންދާ މަޝްރޫއަކީ އެމަނިކުފާނުގެ ސަރުކާރުގެ ޕްލޭންގައި އޮތް މިންވަރު ނޫން ކަމަށާއި މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާ ބޮޑުތަން ހިއްކަން ނިންމާފައިވާނެ ކަމަށެވެ.
"24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ އަޅަނީ، އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލެމޭޝަންގެ ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ ގުޅިފަޅަށް. ހަމައެއާއެކު ގިރާވަރުފަޅުގައި ވެސް މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާ ބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު ގިރާވަރުފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން. އަދި މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަހައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަހައްދަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ތަން އަޅުގަނޑުމެން މި ތަރައްގީކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރުގެ އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރުގެ އުސްމިން ހުންނާނެ. އެހެންވީމާ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މި ތަން ހިއްކިގެންދާނީ. އަދި އެއާއެކީގައި ކްލައިމެޓް އެޑަޕްޓޭޝަންގައި އަޅުގަނޑުމެން އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ގާއިމުކުރާނީ، މި ތަން ޕްލޭންކުރެވިގެންދާނީ އެގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ އާބަންކޯއާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު