މި ހިނގާ 19 ވަނަ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު އޮތް، އެމްޑީޕީގެ މެންބަރުން އެކަނި ވޯޓު ދީގެންވެސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިްޔާގެ ނާއިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަމުން އަޒުލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާގެ އިތުރުން 49 ވަނަ މާއްދާއަށް އާއްމު ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކެކެވެ.

މީގެ ތެރެއިން 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. 49 މާއްދާގެ ފަހަތަށް އަކުރުތަކެއް އިތުރުކުރުމަށް ހުށަހަޅުއްވާފައި ވަނީ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ އިންތިހާބުވެފައި ތިއްބެވި މެންބަރުންގެ އަދަދުން ގުނުމަށެވެ.

އެގޮތުން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުން ކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދު ކަމަށާއި، މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ. އަދި ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރަންވާނެ ކަމަށްވެސް މި އިސްލާހުގައިވެއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަތް މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަނީ އިސްތިއުފާ ދެއްވައިފައެެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސްދުވަހުގެ މުއްދަތެއް އޮތްނަމަ އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އެހެންކަމުން މަޖިލިސް ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ގަވާއިދުގެ 202 ވަނަ މާއްދާ އާއި މަޖލިސް ގަވާއިދުގެ 203 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވަނީ އަޒުލު ކުރުުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ. ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަންޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތްގޮތް ބަދަލުކޮށް އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި، އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އެ އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހސާން ހުސެއިންއެވެ.

ގަވާއިދަަށް މި އިސްލާހުތައް ގެންނަން ފާސްވީ 42 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހުތަކާ ދެކޮޅަށް 21 މެންބަރުން ވޯޓު ދެއްވިއެވެ.