ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އަޒުލު ކުރުމަށް އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް، އެމްޑީޕީގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ފަސޭހަވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، އެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އެއްވެސް ނިޔަތެއް އަދި އެކަމަށް މަގުފަހިކުރުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.

ނަމަވެސް މިހާރު މި ހިނގާ ރައީސް މުއިއްޒުގެ ވެރިކަމަކީ، ގާނޫނީ ހުކޫމަތެއް އޮތް ވެރިކަމެއް ނޫން ކަމަށާއި އެފަދަ ވެރިކަމެއް ގާއިމުކުރަންވެސް އެނގޭ ވެރިކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެތައް ރައްޔިތުންނެއްގެ އުމްރާނީ، މަދަނީ އެތައް ހައްގުތަކެއް މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޮނޑި ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީނަކީ ރައީސް މުއިއްޒުގެ ވެރިކަމަށް ހުރި ގޮންޖެހުމެއް ކަމަށާއި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބަލައި، ޝަރުއީ ނިޒާމަށް އަތް ބާނުއްވައިގެން ގަޑުބަޑުކޮށް، ރައީސް ޔާމީން ޖަލުގައި ބަންދު ކުރެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރުން ކަންކަން ނިންމަމުން ގެންދަނީ ގާނޫނުތަކަށް ބެލުމެއް ނެތި ކަމަށް ތުހުމަތުކޮށް ޝިފާއު އިތުރަށް ވިދާޅުވީ، ލައްކައަކަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭގައި އުޅެމުން ދަނިކޮށް، ގާނޫނަށް ބެލުމެއް ނެތި، އެ ގައުމުން މީހުން ގެނައުމަށް ހުއްދަ ދިނުމަށް ސަރުކާރުން އިއްޔެ ނިންމި ނިންމުން އެކަނިވެސް އެކަން ސާފުވެގެންދާ ކަމަށެވެ. އަދި އެ ކަންތައްތައް ބަލައި ރައީސް މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ދިވެހި ރައްޔިތުން މިހާރު ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި އިސްލާހުތައް ހުށަހެޅި ފަހުން ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކާއި ސޯޝަލް މީޑިއާއާއި ބާޒާރުމަތިން ދިމާވި ރައްޓެހިންނާއި ގޭކަންމަތިން ދިމާވާ ރައްޓެހިންނާއި ހޮޓާތަކުން ދިމާވާ ރައްޔިތުން މިއަދު ބުނަމުން އެބަ ދޭ ކޮއްކޯ، ކޮންއިރަކުންތަ ތިކަން ކުރަނީ، ހާދަ ލަސްވެއޭ އެބަ، އަވަސް ކޮށްބަލަ ބަލަހައްޓައިގެން ތިބެނީތަ،" ޝިފާއު ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުން އެންމެ އަވަހަށް މިހާރު ކުރަންޖެހޭ ކަމަކީ ރައީސް މުއިއްޒު ވެރިކަމުން އަލުޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އަޒުލު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.