ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާކްސް ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލުކުރަން ފަށައިފިއެވެ.

އޭސީސީން މިރޭ ބުނީ، އެ މައްސަލައިގެ ތަހުގީގު ބޭނުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސަސް، ހައުސިން މިނިސްޓްރީން އޭސީސީއަށް ދިނުމާއެކު، ތަހުގީގުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ކޮމިޝަނުން މިދަނީ ނަގަމުންނެވެ..،" އޭސީސީން ބުންޏެވެ.

އެ މައްސަލައަކީ ގިނަބައެއްގެ މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވުމުން ވީހާވެސް އަވަހަކަށް ތަހުގީގު ނިންމުމަށް، އޭސީސީގައި މިވަގުތު ބޭނުންކުރެވެން ހުރި ފަންނީ އަދި އިންސާނީ ވަސީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހައުސިން މިނިސްޓްރީން، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް، އޭސީސީއަށް ދޫކޮށްފައިވާކަން، އެ ކޮމިޝަނުން އެންމެ ފުރަތަމަ މީޑިއާތަކަށް ހިއްސާކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު ލަސްވަނީ ޕޯޓަލްގެ އެކްސެސް ލިބިފައިނުވާތީ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި ވަރަށް ގިނަ ފަރާތްތަކުން މާކްސް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ފުލެޓް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުމުން އޭސީސީން ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ހައުސިން މިނިސްޓްރީއަށް ވަދެ ބަލައިފާސްކޮށް، ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭސީސީން ވަނީ ފުލެޓް ދޫކުރުމުގެ ހުރިހާ ކަމެއް މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީއަށް އަންގައިފައެވެ.

އޭސީސީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބުނެފައިވަނީ ފުލެޓް ދޫކުރުމުގެ ކަންކަން މަޑުޖައްސާލަން ހައުސިން މިނިސްޓްރީއަށް އެންގީ ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން ކޮންމެވެސް ދިމާލަކުން، މީހުންނަށް ލިބިފައިވާ މާކްސް ބަދަލުކުރާކަން ފާހަގަކުރެވިގެން ކަމަށެވެ.

"މި ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާއެކީ އޮޓޯއިން މާކްސް ޖެނެރޭޓްވާ އެއްޗެއް، ނަމަވެސް މާކްސްތައް އެޕްރޫވަލް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރާ ފަރާތްތަކުން މާކްސް ބަދަލުކޮށްފަ ހުންނަކަން އެބަ ފާހަގަވޭ، މިސާލަކަށް ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ފުރިހަމައެއް ނުވޭ، އެހެންކަމުން ހަމަ ސިސްޓަމުން އޮޓޯ ޖެނެރޭޓްވާނެ ޝަރުތު ހަމަނުވާ ކަމަށް، ނަމަވެސް އެޕްރޫވަލް ލެވެލުން ޝަރުތު ފުރިހަމަވާ ކަމަށް ބަދަލުކޮށްފަ އޮންނަ ކަމަށް ފާހަގަވަނީ،" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވެފައިވެއެވެ.

"މިސާލަކަށް އެޕްލައިކުރާ ފަރާތަކުން ހުށަހަޅާ ލިޔުމުގައި އެ ބޭފުޅަކު ދަރިއަކު ނެތް ކަމަށް އެބަޖަހާ، ޑީއެންއާރު ސިސްޓަމުންވެސް އެބަ ދައްކާ ދަރިއަކު ނެތް ކަމަށް. ނަމަވެސް ދަރިއަކު ހުންނަ ކަމަށް މާކްސް ދެންޏާ އެއިން މައްސަލަތަކެއް އެބަ ފާހަގަވޭ، އެހެންވީމަ އެބަ އެނގޭ ކޮންމެވެސް ދިމާލަކުން އެ ޕޯޓަލް ތެރެއިން މާކްސް އެބަ ބަދަލުކުރާކަން، މި ކަހަލަ ކަންތައްތަކެއް އެބަ ފާހަގަވޭ، އަދި ލިޔެކިޔުންތަކުން މާލޭގައި ދިރިއުޅޭ ފަރާތެއް ނޫންކަން ކަށަވަރުވާއިރު އެފަދަ ފަރާތްތައްވެސް އެބަހުރި ޝަރުތު ފުރިހަމަވާ ކަަމަށް ހަދައި ފްލެޓު ލިބިފަ،"

އެ ވާހަކަތަކާ ގުޅިގެން އެއިރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހަމަ އެ ދުވަހު ވިދާޅުވެފައިވަނީ ފުލެޓަށް ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭ ކަމަށެވެ. އަދި ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.

"ޝަރުތު ހަމަނުވާ ފަރާތަކަށް ގިނައިން ޕޮއިންޓު ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ. އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް، އެހެނީ އެކަން ރަނގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މި ދެންނެވި ސިޔާސީ ކުލަޖެހުން،" އަކްރަމް ވިދާޅުވެފައިވެއެވެ.

އަކްރަމް ވިދާޅުވީ، ފްލެޓަށް ޕޮއިންޓު ދިނުމުގައި ސިސްޓަމް ސްކޯ އަކާއި ވެރިފިކޭސަން ސްކޯއެއް ނޯންނާނެ ކަމަށެވެ. އަދި ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިވާ އޮޕްޝަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ވެރިފަރާތް ޑިސައިޑް ކުރަނީ ފޯމުގަ ދީފަ ހުރި މައުލޫމާތަށް ބަލައި އޮޕްޝަން ނަގާފަ އިނީ ރަނގަޅަށްތޯ، ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތައް ބަލައި ވެރިފަރާތް އޮޕްޝަން ޑިސައިޑްކުރާނެ،" އަކްރަމް ވިދާޅުވެފައިވެއެވެ.

އެފަހުން މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އަކްރަމް ވިދާޅުވެފައިވަނީ އޭސީސީން އެފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ ޕޯޓަލަށް އެކްސަސް ލިބިފައި ނެތް އިރު ކަމަށެވެ.