ދައުލަތުގެ ހަރަދުގައި ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ބުނީ އެގޮތަށް ނިންމާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ. ދައުލަތުގެ ހަރަދުގައި ފަސް އަހަރުގެ ތެރޭގައި 1،000 މީހުން ހައްޖަށް ފޮނުވުމުގެ ސިޔާސަތުގެ ދަށުން މިއަހަރު 50 މީހުން ހައްޖަށް ފޮނުވުމަށް ނިންމާފައިވާ އިރު، އެމީހުން ހޮވާނީ ޒަކާތް ހައްގުވާ ފަގީރުންގެ ތެރެއިން ކަމަށް މިނިސްޓަރީން ބުންޏެވެ.

އެ ސިޔާސަތުގެ ދަށުން ހައްޖަށް ފޮނުވާނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ތިބި އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ފުރަތަމަ ތިން އަހަރު 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ފޮނުވަން ނިންމާފައިވާ އިރު، ފަހު ދެ އަހަރު ފޮނުވާނީ 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ކަމަށް މިނިސްޓްރީން ބުންނެވެ.

މިނިސްޓްރީން ބުނީ ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންނަށް މާލޭގައި މަޑުކުރަން ޖެހޭ ދުވަސްތަކުގެ ހުރުމާއި ކެއުމުގެ އިތުރުން ހައްޖަށް ގޮސް ކުރަންޖެހޭ އެތެރޭގެ ދަތުރުފަތުރުގެ ހަރަދުވެސް ދޭނެ ކަމަށެވެ. އަދި މިއަހަރު ހައްޖަށް ފޮނުވާ މީހުންގެ ހަރަދު ހަމަޖައްސާނީ ޒަކާތު ފަންޑުން ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަކީ ފަސް އަހަރުގެ ކަމަކަށް ނަހަދައި، ދާއިމީ ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.