ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އެ މަނިކުފާނުވީ ވައުދަށް ފުރަތަމަ ދުވަހުން ފެށިގެން ވަފާތެރިވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވި އިރު، ވެރިކަމުގެ ފުރަތަމަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާފައި ނުވާ ކަމަށް ބުނެ ޔާމީންގެ ވަފާތެރި ސަޕޯޓަރުންގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ކުރަން ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވައުދެއް ވެވަޑައިގެންފި ނަމަ އެ ވައުދަކަށް އަމާނާތްތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ހާސިލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެ މަނިކުފާނު ފާހަގަކުރެއްވީ އިންޑިއާ ސިފައިން ރާއްޖޭން އަނބުރާ ގެންދިއުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އިންޑިއާއަށް އެންގި އެންގުމާއި އިންޑިއާ އާއެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އަލުން ކުރިއަށް ނުގެންދަން ނިންމައި އެކަން އިންޑިއާ ސަރުކާރަށް އެންގެވި އެންގުމެވެ.

"މިއަދު އަޅުގަނޑު އުފާކުރަނީ ހަފުތާ ސާދައިގެ ހުރިހައި ވައުދެއް ހަތަރުވަނަ ހަފުތާގެ ލަނޑުދަނޑިތަކާ އެއްވަރަށް އަކުރުން އަކުރަށް ފުރިހަމަވެފައިވާތީ. ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ ލިބެމުންދާތީ. އަދި ލިބެމުންދާނެތީ. ކުރިއަށް އޮތް ހަފުތާތަކުގައިވެސް އަދި އިރާދަކުރެއްވިއްޔާ މުޅި މި ދައުރުގައި ވެސް، އަޅުގަނޑުވެފައިވާ ވައުދުތައް އަޅުގަނޑުމެންގެ ހީވާގި، މުރާލި ޓީމުން ފުއްދަމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.