ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ލ. ދަނބިދޫ ސްކޫލުން، ލ. ކަލައިދޫ ސްކޫލް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު 5-1 އިން ދަނބިދޫ ސްކޫލުން ކާމިޔާބުކޮށް، ސެމީ ފައިނަލްގެ އުންމީދެއް އެޓީމަށް ވަނީ ލިބިފައެވެ. ދަނބިދޫ ސްކޫލާއި ކަލައިދޫ ސްކޫލްވެސް ފުރަތަމަ ކުޅުނު މެޗުތަކުން ބަލިވެފައި އޮތް އިރު، ރޭ ނުކުތީ ފުރަތަމަ ތިން ޕޮއިންޓް ހޯދުމަށެވެ.
އެ ތިން ޕޮއިންޓާއެކު ދަނބިދޫ ސްކޫލުން ގްރޫޕް ބީގެ ތިންވަނައަށް ޖެހިލި އިރު، ދެވަނައިގައި އޮތް ލ. އިސްދޫ ސްކޫލާ ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ. އެ ގްރޫޕްގެ އެއްވަނައިގައި ދެމެޗުން ހަތަރު ޕޮއިންޓާއެކު ލ. އަތޮޅު ތައުލީމީ މަރުކަޒު އޮތް އިރު، ހަތަރުވަނައިގައި އޮތީ އެއް މެޗުން އެއް ޕޮއިންޓާއެކު އިހައްދޫ ސްކޫލެވެ. ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކަލައިދޫ ސްކޫލެވެ.
ރޭގެ މެޗުގައި ދަނބިދޫ ސްކޫލްގެ ތަރިއަކީ އެޓީމުގެ ކުރިއަށް ކުޅުނު އަހުމަދު ރުވާއު އެވެ. އޭނާ މެޗުގައި ހަތަރު ގޯލު ޖެހި އިރު، ތިންވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކަލައިދޫ ސްކޫލްގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެ ގޯލާއެކު ދަނބިދޫ ސްކޫލުން ލީޑު ނެގި ނަމަވެސް، 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި މުހައްމަދު އައިފު ވަނީ ކަލައިދޫ ސްކޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ކަލައިދޫ ސްކޫލުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، އޭގެ ފަހުން ދަނބިދޫ ސްކޫލުން މެޗު އެއްކޮށް ޑޮމިނޭޓްކޮށް، ހާފު ނިންމާލީ ރުވާއުގެ ގޯލަކާއެކު އަނެއްކާވެސް ލީޑު ނަގައިގެންނެވެ.
ދެވަނަ ހާފު ފެށިގެންވެސް ފެނުނީ ރުވާއުގެ ތަފާތެވެ. އޭނާ ހިތްގައިމު ދެ ގޯލު ޖަހައި ދަނބިދޫއަށް ލީޑު އިތުރަށް ފުޅާކޮށްދިން އިރު، އެޓީމުގެ ފަސްވަނަ ގޯލު ޖެހީ މާލްއެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މުބާރާތުގެ މެޗުތައް މިއަދާއި މިރޭވެސް އޮންނާނެއެވެ.
16:15 ލ. އަތޮޅު ސްކޫލް - މާވަށު ސްކޫލް
20:00 އިސްދޫ ސްކޫލް - އިހައްދޫ ސްކޫލް
21:30 ލ. އަތޮޅު ތައުލީމީ މަރުކަޒު - ކަލައިދޫ ސްކޫލް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް