ލުޓޮންއާއި ބޯންމައުތުން ޕްރިމިއާ ލީގުގައި މިރޭ ކުޅެމުންދިޔަ މެޗު، ދެވަނަ ހާފުގެ މެދުތެރެއިން މެދުކަނޑާލައިފިއެވެ.

މިރޭގެ މެޗު މެދުކަނޑާލީ ލުޓޮންގެ ކެޕްޓަން، ވޭލްސްގެ ކެޕްޓަން ޓޮމް ލޮކްޔާ ދަނޑު މައްޗަށް ވެއްޓުމުންނެވެ. ބެލެވޭ ގޮތުގައި ލޮކްޔާ ދަނޑު މައްޗަށް ވެއްޓުނީ ހިތުގެ މައްސަލައެއްގައެވެ. އުމުރުން 29 އަހަރުގެ ލޮކްޔާ ދަނޑު މައްޗަށް ވެއްޓުމާއެކު ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، ބޭލީ އަށިގަނޑުގައި އޮކްސިޖަން ގުޅައިގެންނެވެ.

ލޮކްޔާގެ އަނިޔާއާ ގުޅިގެން އޭނާ ބޭލި ވަގުތު ދަނޑު އެއްކޮށް ތެދުވެ އަތްޖަހާފައިވާ އިރު، މެޗު މެދުކަނޑާލައި ކުޅުންތެރިން ރެފްރީއާއެކު ވަނީ ޑްރެސިން ރޫމަށް ވައްދާފައެވެ.

އޭގެ ފަހުން ޕްރިމިއާ ލީގުގެ ފަރާތުން މެޗު އިތުރަށް ނުކުޅުމަށް ނިންމާ، އެހިސާބުން ވަނީ ހުއްޓާލައިފައެވެ.

ލޮކްޔާ، މީގެ ކުރިން މޭ މަހު، ޕްރިމިއާ ލީގުގެ ޕްލޭ އޮފް މެޗުގައި ކޮވެންޓްރީއާ ދެކޮޅަށް ލުޓޮންއިން ކުޅުނު މެޗުގައިވެސް ވެއްޓިފައިވެއެވެ. އޭގެ ފަހުން އޭނާ ހިތުގެ ސާޖަރީއެއް ހަދައި، އަލުން ކުޅެން ފެށީ ޑޮކްޓަރުންގެ އިރުޝާދަށްފަހުގައެވެ.

މިރޭގެ މެޗު މެދުކަނޑާލި އިރު، ދެޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.