ދިހަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ޓޮޓެންހަމްއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ޓޮޓެންހަމްއިން ފޮރެސްޓް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމް މިވަގުތު ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އޮތީ 16 މެޗުން 33 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އެސްޓޮން ވިލާއިން 16 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލް ދެވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓާއެކުގައެވެ.

ޓޮޓެންހަމްއިން މެޗުގެ ކުރީކޮޅުގައި މެޗު ކޮންޓްރޯލް ކޮށް ކުޅެފައިވާ އިރު، ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ރިޗާލިސަންއެވެ. ރިޗާލިސަން އެންމެފަހުން ކުޅުނު ދެމެޗުގައިވެސް ގޯލު ޖަހާފައިވާ އިރު، އެންމެފަހުން އޭނާ ޖެހިޖެހިގެން ދެމެޗުގައި ގޯލު ޖެހީ 2022 ވަނަ އަހަރު މޭ މަހުގައެވެ.

ދެވަނަ ހާފު ފެށިގެން ފޮރެސްޓުން ކުޅުން ރަނގަޅު ކުރި އިރު، ވިލީ ބޮލީއަށް ލިބުނު ހުސް ފުރުސަތެއް ފާހަގަކޮށްލެވުނެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިންނެވެ.

ފުރަތަމަ ގޯލުގައިވެސް ފޮރެސްޓް ގޯލްކީޕަރު މެޓް ޓާނާގެ ގޯހެއް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ގޯލުގައިވެސް އޭނާގެ ގޯސް ފާހަގަކުރެވުނެވެ. މެޗުގެ 65 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ޖެހީ ޑޭޖާން ކްލުސޭވްސްކީއެވެ.

އެ ގޯލަށް ފަސް މިނެޓް ފަހުން ވެސް ބިސޫމާއަށް ރަތް ކާޑު ދެއްކުމާއެކު ޓޮޓެންހަމްގެ ކުޅުންތެރިޔަކު މަދުވި ނަމަވެސް، އެޓީމުން ވަނީ ލީޑު ހިފަހައްޓައިފައެވެ.