މި އަހަރުގެ ތިންވަނަ ކުއާޓާގައި މަގުމަތީ އެކްސިޑެންޓުތައް ގިނަވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖުމުލަ 606 މަގުމަތީ އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ތެރެއިން 582 އެކްސިޑެންޓް ހިނގީ މާލޭގައެވެ. ފުވައްމުލަކު ސިޓީގައި ހަތް އެކްސިޑެންޓް، އައްޑޫ އަދި ފުވައްމުލަކުގައި ހަ އެކްސިޑެންޓް އަދި އެހެން ރަށްތަކުން ހަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނީ، ދެވަނަ ކުއާޓާގައި ހިނގި އެކްސިޑެންޓްތަކުގައި 47 މީހުންނަށް އަނިޔާވި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިއީ މި އަހަރުގެ ދެވަނަ ކުއާޓާއަށްވުރެ ގިނަ އަދަދެކެވެ. އެގޮތުން ދެވަނަ ކުއާޓާގައި ފުލުހުން ވަނީ 524 އެކްސިޑެންޓަށް އެޓެންޑުވެފައެވެ. އެ އެކްސިޑެންޓުތަކުގައި ފަސް މީހުން މަރުވެފައިވާއިރު 48 މީހަކަށް އަނިޔާވެފައިވެއެވެ.

ތިންވަނަ ކުއާޓާގެ ޓްރެފިކް ގަވާއިދާ ހިލާފުވުމާގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. އެފަދަ 1199 މައްސަލައެއް ރިޕޯޓްކުރި އިރު، ސަންސްޕެންޑް ކޮށްފައިވާ ލައިސަންސަކާއެކު ދުއްވުމުގެ 461 މައްސަލަ ހިމެނެއެވެ.

އަދި ހެޑްސެޓް ޖަހައިގެން ދުއްވުމާއި ވީޑިއޯ ބަލަމުން ދުއްވުމުގެ 43 މައްސަލައަކާއި ދުއްވަމުން ފޯނު ބޭނުންކުރުމުގެ 292 މައްސަލައަކާއި އެކްސިޑެންޓުވުމަށް ފަހު ފިލުމުގެ 54 މައްސަލައެއް ހިމެނޭ ކަމަށް ތަފާސް ހިސާބުން އެނގެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ތިންވަނަ ކުއާޓާގައި 10،269 ސްޓިކާ ޖަހާފައިވެއެވެ. އެގޮތުން 4926 ސައިކަލާއި 4182 ކާރާއި 494 ޕިކަޕުގައި ސްޓިކާ ޖަހާފައިވާއިރު، 212 އުޅަނދެއް ޓޯ ކޮށްފައިވެއެވެ.