ވިހަ ކެމިކަލްތަކެއް ބޭނުންކޮށްގެން ބޭސް އުފެއްދި ޕާކިސްތާން ކުންފުނީގެ ހުރިހާ އުފެއްދުމެއް ރާއްޖޭގައި ދާއިމީކޮށް މަނާކޮށްފިއެވެ.

ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯޓޮރީސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ވިހަ ކެމިކަލްތަކެއް ހިމެނޭތީ، އެ ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން މިދިޔަ މަހު ވަނީ މަނާކޮށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ނެރުނު އެލާޓެއްގައި ބުނީ އެ ކުންފުނީގެ ބައެއް ބޭސްތަކުން ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ހުރި މިންވަރު ދެނެގަތުމަށް ކޮށްފައިވާ ލެބޯޓަރީ ތަހުލީލުތަކުން، އެ ކެމިކަލްތައް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އިތުރުން ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އެތޯރިޓީން އެލާޓްކޮށްފައިވާ ކަމަށެވެ.

"މިހާރު ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފާމިކްސް ލެބޯޓޮރީސް ޕްރައިވެޓް ލިމިޓެޑުގެ ހުރިހާ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން ދާއިމީކޮށް މަނާކޮށްފައިވާ ކަމުގައި ދަންނަވަމެވެ..،" އެމްއެފްޑީއޭގެ އެލާޓުގައި ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ ބޭސް އުފައްދާ ކުންފުންޏެއްގެ ޕްރޮޑަކްޓަކުން އެފަދަ ކަމެއް ފާހަގަވުމަކީ ކުންފުނިން ބޭސް އުފެއްދުމުގައި ގެންގުޅޭ ރައްކާތެރިކަމުގެ މިންގަނޑާ މެދު ސުވާލު އުފެދި، އަދި ކުންފުނިން އުފައްދާ ބޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.