ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ރޭ ލ. މާވަށު ސްކޫލާއި ލ. މާމެންދޫ ސްކޫލް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، އެންމެފަހުގެ ރަނަރަޕް ޓީމު، ލ. އަތޮޅު ތައުލީމީ މަރުކަޒުން ލ. ދަނބިދޫ ސްކޫލް ބަލިކޮށްފިއެވެ.

ލ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ކަމަށްވާ، އަތޮޅު ކައުންސިލްގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް އިއްޔެ ފެށީ ލ. ގަމު ޒޯން ސްޓޭޑިއަމްގައެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހަމަދު ސްކޫލުން އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު މަދަރުސާ ބަލިކުރި އިރު، ރޭ ވެސް ވަނީ މުބާރާތުގެ ދެ މެޗު ކުޅެފައެވެ.

ރޭ ފުރަތަމަ ކުޅުނީ ގްރޫޕް އޭގެ ދެވަނަ މެޗެވެ. އެ މެޗުގައި މާވަށު ސްކޫލާއި މާމެންދޫ ސްކޫލް ގޯލެއް ނުޖެހި އެއްވަރުވި އިރު، މެޗު ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ. ވާރޭގައި ކުޅެމުންދިޔަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި މާމެންދޫގެ މުހައްމަދު އަޔޫޝް ސަލީމާއި ހުސައިން އަނޫޝް ޝަރީފަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

އަނެއްކޮޅުން ދެވަނަ ހާފުގައި މާވަށަށް މުޅިން ހުސް ފުރުސަތުތައް ލިބި ބޭކާރުވެގެން ދިޔަތަން ފެނިގެން ގޮސްފައިވެއެވެ. އަލީ ޝާމް މުހައްމަދު ޝާއިރަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ މަތިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާމެންދޫގެ އަޔޫޝްއެވެ.

ރޭގެ ދެވަނަ މެޗުގައި އެންމެފަހުގެ ރަނަރަޕް، ލ. އަތޮޅު ތައުލީމީ މަރުކަޒުން ލ. ދަނބިދޫ ސްކޫލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދަނބިދޫގެ އަހުމަދު ރުވާއުގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، އޭގެ ފަހުން ނުރައްކާ ކުރީ ލ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ތައުލީމީ މަރުކަޒުގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު ރިޔާނާއި އާހިލް އަލީ އަދި އަލީ އަބާން އަބްދުލް ރަހުމާނަށް ފުރުސަތުތައް ލިބިފައިވާ އިރު، އެޓީމުން ލީޑު ނެގީ ޕެނަލްޓީއަކުންނެވެ.

ދަނބިދޫ ކީޕަރު ކުރި ފައުލަކަށް ދިން ޕެނަލްޓީގައި ތައުލީމީ މަރުކަޒަށް ލީޑު ނަގައިދިނީ، މޮޅަށް ކުޅުނު ކެޕްޓަން އަހުމަދު ސަޖުލް ޝުއައިބެވެ. ގޯލަށްފަހު ތައުލީމީ މަރުކަޒުން ރަނގަޅަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ އިރު، ހާފު ނިންމާލީ ސަޖުލްގެ އިތުރު ގޯލަކާއެކުގައެވެ. ހަތަރު ކުޅުންތެރިން ބީޓްކޮށްލާފައި ސަޖުލް އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ވައްދާލީ ތިރިތިރީންނެވެ.

ދެވަނަ ހާފުގައި ދަނބިދޫން ކުޅުން ރަނގަޅު ކުރި ނަމަވެސް، ތިންވަނަ ގޯލެއްވެސް ޖެހީ ތައުލީމީ މަރުކަޒުންނެވެ. މެޗުގެ 54 ވަނަ މިނެޓު، އަރިމަތިން މަތިމަތިން ނެގި ހުރަހެއްގައި، އާހިލް ގޯލަށް ބޯޅަ ވައްދާލި ބޮލުންނެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށްދާނެއެވެ.

16:15، ކަލައިދޫ ސްކޫލް - އިސްދޫ ސްކޫލް

20:30، ހަމަދު ސްކޫލް - މާވަށު ސްކޫލް