ތުރުކީގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އެމްކޭއީ އަންކަރަގޫސޫގެ ރައީސް، ފާރޫގު ކޯސާ އުމުރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފިއެވެ.
ތުރުކީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށް އެމްކޭއީ އަންކަރަގޫސޫއާއި ސޭކޫރް ރިޒެސްޕޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، އެ މެޗުގައި ރިޒެސްޕޯ އެއްވަރުކުރީ ފަހު މިނެޓުގައެވެ. މެޗުގެ ފަހު މިނެޓުގައި ގޯލު ޖެހުމާއެކު އަންކަރަގޫސޫގެ ރައީސް، ފާރޫގް ދަނޑު މައްޗަށް އަރައި، ރެފްރީ ހަލީލް އުމުތު މޫނުމަތީގައި ޖެހިއެވެ.
އެ މައްސަލައިގެ ސަބަބުން ތުރުކީގެ ރެފްރީން ހަޅުތާލަށް ދިޔުމާއެކު ލީގު ހުއްޓި، ތުރުކީގެ ފުޓުބޯޅަ އޮތީ މަޑުޖެހިފައެވެ. އެ ހާލަތުގައި ކައްތައްތައް އޮތުމާއެކު، ފިޔަވަޅުތައް އެޅުން ތުރުކީ އެފްއޭއިން އަވަސްކޮށްފައިވާ އިރު، އިއްޔެ ފުލުހުން ވަނީ ފާރޫގު ހައްޔަރުވެސް ކޮށްފައެވެ.
ހާދިސާ ހިނގުމާއެކު، އަންކަރަގޫސޫގެ ވެބްސައިޓް މެދުވެރިކޮށް ފާރޫގު ބަޔާނެއް ނެރެގައިވާ އިރު، އެ ބަޔާނުގައި އޭނާ ވިދާޅުވީ ކްލަބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، ނާއިންސާފުން ކަންތައް ވިޔަސް، ރުޅި ކޮންޓްރޯލް ނުވެ، ހިންގުނު އަމަލަށް ހިތާމަކޮށް މައާފަށް އެދޭ ކަމަށެވެ.
ތުރުކީގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ ކްލަބު 54،000 ޕައުންޑުން ޖޫރިމަނާކޮށް، ފާރޫގް އުމުރު ދުވަހަށް ފުޓުބޯޅައާ ގުޅުންހުރި ހުރިހާ ކަމަކުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ކްލަބުގެ ކުރިއަށް އޮތް ފަސް މެޗަށް ސަޕޯޓަރުންނަށް ނުވަދެވޭނެ ކަމަށްވެސް ތުރުކީ އެފްއޭއިން ބުނެފައިވެއެވެ.
ތުރުކީ ލީގުގެ ފުޓުބޯޅަ، އަންނަ ހޯމަ ދުވަހު އަލުން ފަށަން ދަނީ ތައްޔާރުވަމުންނެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު