އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މާކެޓެތަކުގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށާއި، ޑިޖިޓަލް ހިދުމަތްތައް އިތުރުކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން އުރީދޫގެ އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.
އުރީދޫގެ ފަރާތުން ރައީސް މުއިއްޒާ ބައްދަލުކުރެއްވީ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް މުހައްމަދު ބިން އަބްދުﷲ އަލް ޘާނީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އިސްވެ ހުންނަވައިގެން އުރީދޫ ގްރޫޕްގެ ވީއައިޕީ ވަފުދެކެވެ.
އުރީދޫން މިއަދު ބުނީ އެ ބައްދަލުވުމުގައި ރައީސް މުއިއްޒާއި އާ ސަރުކާރާއެކު މަޝްވަރާކުރައްވައި، އުރީދޫއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވައި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެވުނު ކަމަށެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ޝައިހް މުހައްމަދު ބިން އަބްދުﷲ އަލް ޘާނީ ވިދާޅުވީ ރައީސް މުއިއްޒާއި ރާއްޖޭގެ އާ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ވިއުގަ ވަރުގަދަކުރުމަށް އެކި މުއައްސަސާތަކާއި ކުންފުނިތަކާއެކު ކުރެވެމުންދާ މަސައްކަތާއި ކުރިމަގު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ދެއްވި އަގުހުރި ވަގުތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއި، ޓެކްނޮލޮޖީގެ ތަފާތު ތަޖުރިބާގެ ބޭނުން ހިފައި، ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި، އުރީދޫން ރާއްޖޭގައި މިހާރު ކުރަމުންގެންދާ މަސައްކަތާއި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ކުރިއަށް އޮތްތާނގައި ކުރެވޭ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މުހިންމު ދައުރެއް އަދާކޮށް، އާ ޓެކްނޮލޮޖީތައް މާކެޓަށް ތައާރަފުކޮށް، ރައްޔިތުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހިކޮށްދޭ އާ އީޖާދީ ޓެކްނޮލޮޖީތަކާއި ގުޅުވާލަދީފައެވެ. ރާއްޖޭގެ އާބާދީގެ 100 އިންސައްތަ 4ޖީ+ ނެޓްވޯކާ ގުޅިފައިވާ އިރު، އުރީދޫ 5ޖީ ނެޓްވޯކް ވަނީ ގްރޭޓާ މާލެ ސަރަހައްދަށް ފުޅާކުރެވިފައެވެ. އުރީދޫން ބައިނަލްއަގުވާމީ ކޭބަލްތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި މޯލްޑިވްސް ސްރީލަންކާ ކޭބަލް އާއި ސިންގަޕޫރާއި ޔޫރަޕާ ރާއްޖެ ގުޅުވައިދޭ ޕީސް ކޭބަލް ހިމެނެއެވެ. ޕީސް ކޭބަލްގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ އިރު، އުރީދޫގެ 5ޖީ ނެޓްވޯކް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތްވެސް ހަލުވި ކަމާއެކު ކުރިއަށްދެއެވެ.
ޝައިހް މުހައްމަދު ބިން އަބްދުﷲ އަލްޘާނީ ދެއްކެވި ވާހަކައިގައި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީގެ އެހީގައި އިގުތިސާދީ ކުރިއެރުމާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުރީދޫން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު