ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހަށް އާސަންދަ ނުލިބޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އާސަންދަ އިން ބުނެފިއެވެ.

އާސަންދަ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާސަންދަ ސްކީމުގެ ތެރެއިން ޑޮކްޓަރުން ވޭސް ލިޔެދޭ އިރު، ބަލިމީހާއަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންވާ ނަމަ، ބޭހުގެ އިންސްޓްރަކްޝަންގައި އެ ބޭހެއް ސަބަސްޓިޓިއުޓް ނުކުރުން އެދޭކަން ލިޔަންވާނެ ކަމަށެވެ.

"މިފަދައިން ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެނޫން ބޭހެއް ބަލިމީހާއަށް ދޫކޮށްގެންނުވާނެއެވެ. އަދި ހިދުމަތަށް އެދި ދާ ބޭސް ފިހާރައިގެ އެ ބޭހެއް ސްކީމްގެ ތެރެއިން ދޫނުކުރެވޭ ނަމަ، އެކަން ބަލިމީހާއަށް އޮޅުންފިލުވައިދޭންވާނެ،" އާސަންދަ އިން ބުންޏެވެ.

ބޭހުގެ އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ލިޔެފައިނުވާ ނަމަ، ބޭސް ފިހާރައިން ބިލް ކުރަންވާނީ ބޭސް ފިހާރައިން ބަލިމީހާއަށް ދޫކުރި ބްރޭންޑަށް ކަމަށް އާސަންދައިން ބުންޏެވެ. އަދި ޑޮކްޓަރު ވަކި ބްރޭންޑެއް ދޫކުރުމަށް އެދޭ ހާލަތުގައި، އެ ބްރޭންޑެއް އެއްވެސް ބޭސް ފިހާރައަކުން އެ ވަގުތަކު ލިބެން ނެތް ނަމަ، އެ ބްރޭންޑު ބަދަލުކުރުމަށް ބަލިމީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެ ކަމަށް އާސަންދަ އިން ބުންޏެވެ.

ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެނޫން ބްރޭންޑެއް ބަލިމީހާއަށް ދޫކޮށްފި ނަމަ، އެފަދަ ޓްރާންސެކްޝަންތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރިޖެކްޓު ކުރާނެ ކަމަށް އާސަންދަ އިން ބުންޏެވެ.