އަވަށްޓެރި އިންޑިއާ އާއެކު ހަދާފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރާން ނިންމައި، އެކަން އިންޑިއާއަށް އަންގާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ފުއްދަވާފައިވާ ވައުދުފުޅުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެހެން ގައުުތަކާއެކު ވެފައިވާ ސިއްރު އެެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އެ މުއްދަތުގައި ފެއްޓެވުމަކީވެސް ވައުދުފުޅެއް ކަމަށެވެ.
އެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުއަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރަމުންގެންދާ ސާވޭގެ އެއްބަސްވުން (ހައިޑްރޮގްރަފީ އެއްބަސްވުން) އާ ނުކުރަން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އެ މަސައްކަތް ފެށުމުގެ ގޮތުން ކުރެވުުނު މަސައްކަތްތަކުގެ ތެރެއިން (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ފޯ ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހައިޑްރޮގްރަފީ ބިޓްވީން ދަ ގަވާމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ) ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމައި އެ އެއްބަސްވުމުގައިވާ ގޮތަށް އެކަން ވަނީ އިންޑިއާ އާއެކު މުއާމަލާތް ކޮށްފައި،" ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަމާބެހޭ އެއްބަސްވުމުގައިވާ ގޮތުން، މުއްދަތު ހަމަވުމުގެކުރިން އެއްބަސްވުން އާނުކުރަން ހުށަހަޅާނާ ނަމަ އޮޓަމެޓިން ކުރިއަށް އޮތް ފަސް އަހަރަށް އެއްބަސްވުން ދެމިގެންދާނެ ކަމަށެވެ. އެއްބަސްވުން އާކުރަން ބޭނުންނުވާނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެކަން އަންގަންޖެހޭ ކަމަަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މުއްދަތުގެ ހަ މަސް ކުރިން އެއްބަސްވުން އާ ނުކުރަން އަންގާފައިވާތީ، އަންނަ އަހަރުގެ ޖޫން ހަތެއްގައި އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުގެ މައުލޫމާތުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެންވެސް ދިވެހިންގެ ސިއްރެއް ކަމަށް ދެކި އެގޮތުގައި އަމަލުކުރަމުން އައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެކަމުގެ ގާބިލުކަން ރާއްޖޭގެ އަސްކަރިއްޔާގައި ގާއިމުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެކަންތައްތައް ކުރިއަށް ގެންދިއުން ކަމަށް ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާގައި އެ ގާބިލުކަން އިތުރުކުރުމަށްޓަކައި ބެޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ރައީސް މުއިއްޒު އެކަމަށް ކަނޑައަޅުއްވައި ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައިދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހައިޑްރޮގްރަފީ ދާއިރާއިން ކަންކަން ކުރަމުންދާނީ ސައްތައިންސައްތަ ދިވެހިންގެ ބެލުމުގެ ދަށުން، ދިވެހިންނަށް އެ މައުލޫމާތު އެނގޭ ގޮތަށް ކަމަށެވެ.
އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން ރާއްޖޭން އިންޑިއާއަށް ބަދަލެއް ދޭންޖެހޭނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފިރުޒުލް ވިދާޅުވީ، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން، އޭގެ އެއްވެސް ބަދަލެއް އިންޑިއާއަށް ދޭން ނުޖެހޭނެ ކަމަށެވެ. އެ އެއްބަސްވުން އެކުލަވާލާފައިވަނީ، އެފަދަ ބަދަލެއް ދޭންޖެހޭ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު