ގާޒާގައި އިޒްރޭލް ސިފައިން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރެޒް ވަނީ ހުސްވި ހަފުތާގެ ބުދަދުވަހު އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ބޭނުން ކުރައްވައިފައެވެ. މިއީ އދ.ގެ ސެކްރެޓަރީ ޖެނެރަލަކު ވަރަށް މަދުފަހަރެއްގައި މެނުވީ ހަވާލާ ނުދެއްވާ މާއްދާއެކެވެ. ބޭނުން ނުކުރައްވާ މާއްދާއެކެވެ. މި މާއްދާއަކީ އެއްވެސް ސަބަބަކާލައިގެން އދ.ގެ ސަލާމަތީ މަޖިލީހުން އަމިއްލައަށް ކަންކަން ފެނިގެން އަމިއްލައަށް އިސްނަގައިގެން އެއްވެސްކަމެއް ކުރުމުގައި ފަހަތުފަޔަށް ބުރަވެއްޖެނަމަ އެ މައްސަލައެއް ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅުމަށް އަމުރުކޮށް އެންގުމުގެ ބާރު އެވަގުތަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިދޭ މާއްދާއެކެވެ. ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އދ.ގެ ސަލާމަތީ މަޖިލިސް އެއޮތީ ބޮޑުތަނުން ފޭލްވެފައެވެ. އެމެރިކާގެ ސަބަބުންނެވެ. އިޒްރޭލަށް އެއްވެސް ކަމެއް މަޖުބޫރު ކުރުމަށް އެމެރިކާ ބޭނުންނުވާތީއެވެ.
އެހެންވީމާ އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ބޭނުން ކުރައްވައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރެޒް އެންގެވިއެވެ. ގާޒާގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސުލްހަމަސަލަސްކަމާއި އަމާންކަމަށް ލޮޅުން އަރައިފިއެވެ. ދުނިޔެ ބަނަވެއްޖެއެވެ. ޖަރީމާތަކުން ދުނިޔެ ކިލަނބުވެއްޖެއެވެ. ހުއްޓުވުނު ގޮތަކުން މި ހަނގުރާމަ ހުއްޓުވައިދޭށެވެ. މިއީ އދ.ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގައި ގުޓިރެޒް މިހާތަނަށް ހޭދަކުރެއްވި ހަތް އަހަރުގެ ތެރޭގައި މި މާއްދާއާ ހަވާލާދެއްވައި ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް މައްސަލައެއް ގެންނެވި ފުރަތަމަ ފަހަރެވެ. މިކަމަށް އޭނާ އެދިވަޑައިގެންނެވީ ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅެއްގައެވެ. ސަލާމަތީ މަޖިލީހަކީ ފަނަރަ ގައުމުގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. އދ.ގެ އެންމެ ބާރުގަދަ ގުނަވަނަކީ މި މަޖިލީހެވެ. މި ދައުރުގައި މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯރުންނެވެ.
ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމުގެ މަގްސަދުގައި އދ.ގެ ޗާޓަރު އެކުލަވައިލީ 1945 ގައެވެ. މި ޗާޓަރުގެ ދަށުން އދ.ގެ މައިގަނޑު ބާރުތައް ދީފައިވަނީ ސަލާމަތީ މަޖިލީހަށެވެ. މި މަޖިލީހުގެ މެންބަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓަނީ ވަކި މުއްދަތަކަށް އިންތިޚާބުކުރެވޭ ގައުމެކެވެ. މަޖިލީހުގެ އެތެރޭގެ ވޯޓަކުންނެވެ. މެންބަރު ގައުމުތަކުގެ ތެރެއިން ފަސް ގައުމަކީ ދާއިމީ މެންބަރުންނެވެ. ދާއިމީ މެންބަރުންނަކީ ވީޓޯކުރުމުގެ ބާރު ލިބިގެންވާ ގައުމުތަކެވެ. އަނެއް ދިހަ މެންބަރުންނަކީ ވަކި މުއްދަތަކަށް އިންތިޚާބުކުރެވޭ ބައެކެވެ. އެގައުމުތަކަށް ވީޓޯގެ ބާރެއް ނޯވެއެވެ. ވީޓޯއަކީ ނަފީކުރެވޭ އެއްޗެއް ނޫނެވެ. މެންބަރުންގެ އަޣުލަބިއްޔަތުން ކަމެއް ނިންމިއަސް ވީޓޯގެ ބާރު ލިބިގެންވާ ގަައުމަކުން ނޫނެކޭ ބުނެފިއްޔާ ދެން އެހިސާބުން މަރުތަޅު އެޅުނީއެވެ. ކުރިއަކަށް ނުގެންދެވޭނެއެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބޭނުން އެންމެ ގިނައިން ހިފާ ގައުމަކީ އެމެރިކާއެވެ. މުޅިންކަހަލަ ގޮތަކަށް އިޒްރޭލުގެ ހިމާޔަތުގައެވެ.
ސަލާމަތީ މަޖިލީހަކީ ކަންކަން ނިންމުމާއި ކަންކަން ތަންފީޒުކުރުމުގެ ގާނޫނީ ބާރު ލިބިގެންވާ ފަރާތެވެ. ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތަކަށް އަމަލުކުރުމަކީ މެންބަރު ހުރިހާ ގައުމަކަށް ލާޒިމު ކަމެކެވެ. ގަރާރުތަކާ ޚިލާފުވީމާ އަސްކަރީ ފިޔަވަޅުތަކާއި އެނޫން ފިޔަވަޅުތައް ހުއްދަކުރުމުގެ ބާރުވެސް އޮންނަނީ ސަލާމަތީ މަޖިލީހަށެވެ. މި މަޖިލީހަށް މައްސަލަތައް ހުށައަޅަނީ ގިނަފަހަރަށް މެންބަރު ގައުމުތަކުގެ ތެރެއިން ކޮންމެވެސް ގައުމެކެވެ. ނުވަތަ ގައުމުތަކަކުންނެވެ. ގަރާރުތައްވެސް ހުށައަޅަނީ އެގޮތަށެވެ. ދާދި މަދުފަހަރެއްގައި މެނުވީ ސެކްރެޓަރީ ޖެނެރަލަކު މަޖިލީހުގެ ސަމާލުކަމަށް އެއްވެސް ކަމެއް ނުގެންނަވައެވެ. އެގޮތަށް ގެންނެވިއަސް ސީދާ މާއްދާ 99އާ ހަވާލާ ދެއްވުން ވަރަށް މަދެވެ. އދ.ގެ ތާރީޚުގައި އެންމެފަހުން މިގޮތަށް މާއްދާ 99 ގެ ބޭނުން ސެކްރެޓަރީ ޖެނެރަލަކު ކުރެެއްވީ 1971 ވަނަ އަހަރު ބަންގާޅުގެ މައްސަލައިގައެވެ. އެއީ ބަންގްލަދޭޝް އުފަންވި ހަނގުރާމައެވެ. ކުރިން އެއީ އިރުމަތީ ޕާކިސްތާނެވެ.
މީގެ ދެމަހެއްހައި ދުވަސްކުރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ޒަޔަނިސްޓް ލަޝްކަރުތަކުން ވަރުގަދަ އަސްކަރީ އުދުވާނެއް ފެށިފަހުން ގާޒާއިން އެކަނިވެސް ފަލަސްތީނުގެ ސަތާރަހާހަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 1.9 މިލިޔަން މީހުން މަގުމަތިވެއްޖެއެވެ. ހާލުގައިޖެހިއްޖެއެވެ. އެއީ ގާޒާގެ މުޅި އާބާދީގެ ތެރެއިން ގާތްގަޑަކަށް 80 އިންސައްތައެވެ. ދޮޅު ލައްކައަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ބޯފެނާއި ކާނާއަށް ޖެހި ހައިހޫނުކަންވަނީ އާއްމުވެފައެވެ. ހަސްފަތާލުތައްވަނީ ގާފުނިތަކަށް ބަދަލުވެފައެވެ. ގާޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އދ.ގެ ފަރާތުން އެކިއެކި ހަރަކާތްތައް ހިންގާ އދ.ގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 130 މީހުން ވަނީ މަރާލައިފައެވެ. އޭގެތެރެއިން ގިނަބަޔަކު މަރައިލީ އެމީހުންގެ އާއިލާތަކާވެސް އެކުގައެވެ. އެހެންވީމާ ޒަޔަނިސްޓް ލަޝްކަރުތަކުގެ އަމާޒަކީ ހަމައެކަނި ހަމާސްގެ ބިންގަރާސްތަކެއް ނޫންކަމާއި މަގްސަދަކީ ނަސްލެއް ނައްތާލުންކަން ވަރަށް ސާފެވެ.
ސަލާމަތީ މަޖިލީހުގެ މަންދޫބުންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރައްވަމުން ހުކުރުދުވަހު އެންޓޯނިއޯ ގުޓިރެޒް ވިދާޅުވެފައިވެެެއެވެ. އދ.ގެ މުޅި ތާރީޚުގައިވެސް އދ.އަށް ނިސްބަތްވާ ދަރުމަވެރިންގެ ތެރެއިން މިހާ ގިނަބަޔަކު މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރުވެފައެއް ނެތެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އދ.އަށްވެސް ބެލުމެއްނެތީއެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީއެވެ. މިހިސާބަށް ކަންތައް ދިޔައިރުވެސް ސަލާމަތީ މަޖިލީސްއޮތީ މަރުތަޅު އެޅިފައެވެ. އެތައް ފަހަރަކު މި މައްސަލައިގައި ބަހުސްކޮށްފިއެވެ. ގަރާރުތައް ފާސްކުރެވޭތޯ އުޅެފިއެވެ. އެކަމަކު އެއްކަމެއްވެސް ނުނިންމުނެވެ. އެމެރިކާގެ ވީޓޯކުރުންތަކުގެ ސަބަބުންނެވެ. އެހެންވީމާ އެންމެފަހުން ސެކްރެޓަރީ ޖެނެރަލް އޭނާއަށް ގާނޫނީގޮތުން ލިބިދޭ އެންމެ ފަހުގެ އެންމެ ބޮޑު ބާރު ބޭނުން ކުރެއްވީއެވެ. އޭގެ މާނަޔަކީ ސަލާމަތީ މަޖިލީހުން މިކަމުގައި އެއްގަލަކަށް އަރައި އަވަސް ނިންމުންތަކެއް ނިންމުމެއް ނޫނެވެ. ދެންވެސް އޮންނާނީ އަރައިރުންތަކާއި ވީޓޯކުރުމެވެ. ކަމެއް ނިންމައި ތަންފީޒުކުރެވޭނެކަމަކަށް ނުފެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ