ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް މިއަދު ހުޅުވައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދު މި ހުޅުވުނު އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސް ހޯސްޓް އިން ހުޅުވި ދެ އައުޓްލެޓެވެ.

ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އައުޓްލެޓް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު އަދި އެޗްއެމްއެސް ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗްއެމްއެސް ހޯސްޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ވީއައިއޭ އިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އަދި މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އެމްއޭސީއެލުން ބުނީ ވީއައިއޭ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ދެ އައިޓެލް ހަދަން އެމްއޭސީއެލުން ނިންމީ އެ ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑުތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކަމަށެވެ.

ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއް ކަމަށްވާ "ދަ ގްރޭޕް" އެވެ. އެއީ އެ ކުންފުނީގެ އެފަދަ ފުރަތަމަ އައުޓްލެޓެވެ. އަދި އެޗްއެމްއެސް ހޯސްޓް މޯލްޑިވްސް މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. އެ ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެ ކުންފުނިކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.