ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި ކޮމިޝަން ތަކާއި އިދާރާތަކާއި ސިވިލްސާވަންޓުންގެ މުސާރައަށް ގެނެވޭ ބަދަލުތަކަށް ބޭނުންވާ ފައިސާ ޕޭހާމަނައިޒޭޝަން ކޯޑުގެ ތެރޭގައި ހިމެނިފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ނާޝިޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުުގެ މަސައްކަތް ކުރިއަށްދިޔައިރު ޖުޑިޝަރީ މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ބަޖެޓަށް ގެންނަން ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ދެ އިސްލާހަށް އެމްޑީޕީ ޕީޖީ ގްރޫޕުން ދެކޮޅު ހެދުމުން ހިނގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ.

ބަޖެޓަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައިގައި ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އޭނާ ވިދާޅުވީ ބަޖެޓާ މެދު ގޮތެއް ނިންމުމުގެ ކުރިން ޖުޑީޝާރީގެ މުސާރަ ބޮޑުކުރަން އެއްވެސް ވަރަކަށް ބަޖެޓުގައި ރިއާޔަތްކޮށްފައިވޭތޯ އޮޅުންފިލުވަން ބޭނުން ކަމަށެވެ.

އެކަމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ހިސާނު ވިދާޅުވީ، ޖުޑީޝަރީގެ މުސާރަ ބޮޑު ނުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވޯޓު ދިނުމަށްފަހު، މަޖިލިސް ތަޅުމުގައި އެގޮތަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށެވެ.

މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި ހިމަނާފައިވާގޮތް އޮޅުންފިލުއްވައި ދެއްވުމުގެ ގޮތުން ނިޒާމީ މައްސަލަ ނަންގަވައި، ނާޝިޒު ވިދާޅުވީ ބަޖެޓުގެ ޕޭހާމަނައިޒޭޝަން ކޯޑުގެ ތެރޭގައި ހިމެނޭ 500 މިލިއަން ރުފިޔާގެ ތެރޭގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި ކޮމިޝަންތަކާއި އިދާރާތަކާއި ސިވިލްސާވަންޓުންގެ މުސާރަައަށް ގެނެވޭ ބަދަލުތަކަށް ފައިސާ ހިމެނިފައިވާނެ ކަމަށެވެ.

ހިސާންގެ ހުށަހެޅުއްވުމުގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި 49 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށެވެ. ހިސާން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން މަސައްކަތް ކުރާ 1،900 މުވައްޒަފުން އެބަތިބި ކަމަށެވެ.