އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ގޮތަށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް ބަދަލު ގެނަސް ކޮމިޓީން ފާސްކޮށްފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ފޮނުވި ބަޖެޓަށް އެ ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން ވަނީ 306،109،915 ރުފިޔާ ބަޖެޓަށް އިތުރުވެފައެވެ. އެހެންވެ ބަޖެޓު ވަނީ 49.8 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ބަޖެޓަށް ކޮމިޓީން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމައިފައެވެ.

ނަމަވެސް ބަޖެޓް ކޮމިޓީގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ބައެއް އުނިކުރަން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ހުށަހެޅުއްވި މަޝްރޫއުތަކުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. ޔައުގޫބުގެ އެ ހުށަހެޅުންތަކަށް ތާއީދުކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެއަށްފަހު ކޮމިޓީގައި ނެގި ވޯޓުގައި ބަޖެޓު ކޮމިޓީގެ މެންބަރުން ވަނީ ޔައުގޫބުގެ ހުށަހެޅުންތައް އިއްތިފާގުން ފާސްކޮށްފައެވެ.

އެއަށްފަހު ފުށިދިއްގަރުފަޅު ހިއްކުމަށް ހިމެނި 400 މިލިޔަން ރުފިޔާގެ ތެރެއިން 200 މިލިޔަން ރުފިފާ، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުގައި ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ގެދޮވެރިޔާ ސްކީމު ނިންމަން ހިމެނިއެވެ. ބާކީއޮތް 200 މިލިޔަން ރުފިޔާ ހިމެނީ، އަތޮޅުތަކުގެ ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރޭގައެވެ.

ބަޖެޓު ކޮމިޓީން ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.

  • ބަޖެޓުގެ ޖުމްލަ: 49.8 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އާއި އާމްދަނީ: 33.5 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީއަށް: 8.9 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ