ގްރޭޑް 1ގައި ކިޔަވާ ކުއްޖަކަށް ބުލީކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ހުޅުމާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާގޮތުން އެ ކުއްޖާއަށް ބުލީ ކުރަނީ ކްލާސް ކުދިންނެވެ. އެކަން އެނގުނީ އެ ކުއްޖާގެ އެހެން ކްލާސް ކުއްޖެއްގެ ފުށުންނެވެ.

އެ ޕޯސްޓުގައި ވާގޮތުން ސްކޫލުން ގެއަށް ދާއިރު އެ ކުއްޖާއަށް ހުންނަނީ ބޮޑުކަމު ދެވިފައެވެ. އަދި ސްކޫލަށް ދާ ގަޑިއަށް ބަނޑުގައި ރިއްސައި ހޮޑުލެވޭ ކަމަށާއި އެކަމަށް ފަރުވާވެސް ހޯދިއެވެ. ސްކޫލުން ގެއަށް ދާއިރު އެ ކުއްޖާގެ ފަންސުރު ފަދަ ތަކެތި ނުހުންނަކަމަށާއި ކުލަ ފަންސުރުތައް ބިންދާފައި ހުންނަ ކަމަށްވެސް ބުންޏެވެ.

"ފަހުން އެނގުނު ގޮތުގައި ކުއްޖާ ގެންދާ ފެންފުޅިވެސް އެކުއްޖާއަށްވުރެ ކުރިން އެހެން އެކުދިން ފުޅީގައި އަނގަ ޖަހައި ދޫލައި ހަދަން ފެށީމަ ކުއްޖާ ހުންނަނީ ފަކުރުން ސްކޫލު ނިމެންދެން ފެންވެސް ނުބޮއި. އަދި ކުއްޖާއަށް މަޖުބޫރުކޮށްގެން ލައިގެން ހުންނަ ޓީޝާޓް މެޔާ ހަމަޔަށް އަރުވާ އެހެން ކުދިންނަށް ދައްކުވާ. ކުއްޖާއަކީ ހަށިގަނޑު ފަލަކޮށް ހުންނަ ކުއްޖެއް ކަމުން ބަނޑު ފެންނަ އިރަށް ދެން ތިބޭ ކުދިން ހީ ހަދައި" އެ ޕޯސްޓުގައި ވެއެވެ.

ފޮޓޯތަކަކާއެކު ހިއްސާކުރި އެ ޕޯސްޓުގައި ބުނީ އެއް ދުވަހަކު އެ ކުއްޖާ ގެއަށް ދިޔައިރު އެ ކުއްޖާގެ ބޯ ކޮށާލައި، ސޯޓުގެ އެކި ތަންތަނުން ތޫނު އެއްޗަކުން ކަފާފައިވާ ކަމަށެވެ. އެ ކަންކަމަކީ އެ ކުއްޖާއަށް ބުލީކުރާކަން ކްލާސް ޓީޗަރާއި ޕްރިންސިޕަލަށް އެންގި ފަހުން ހިނގި ކަންކަން ކަމަށާއި އެކަމާ ގުޅިގެން ޓީޗަރާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އެއީ އެ ކުއްޖާ އަމިއްލައަށް ކުރި ކަމެއް ކަމަށް ބުނި ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

ނަމަވެސް އެކަން ކުރި ކުއްޖާގެ ބެލެނިވެރިޔާ ފަހުން ގުޅައި އެކަމަށް މައާފަށް އެދިފައިވާ ކަމަށާއި އެކަން އަލުން ޓީޗަރާއި ޕްރިންސިޕަލަށް ހިއްސާކުރުމަށް އެދުނު ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ގުރޫޕުގައި އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.