ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީ އާއެކު ހަދާފައިވާ އެގްރިމެންޓަކީ ގަވާއިދާ ހިލާފު އެގްރިމެންޓެއް ކަމަށް ބުނެ އެ އެއްބަސްވުން އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުުގޫބު އަބްދުﷲ ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ގާނޫނު ހިންގުން ކޮންމެ މީހެއްގެ މައްޗަށް ހަމަހަމަ ވެެގެންވާނެ ކަމަށާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު އެންމެނަށް ލިބުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރައްވަމުން ގެންދެވުމަށް ސާޖިދާ، އެކަމަނާގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ހަތަރު އަހަރުގެ ނޯޕޭ ލީވްއެއް ނަންގަވައިގެން ހާއްސަ އުސޫލަކުން ސާޖިދާއަށް ކޮންޓްރެކްޓެއް ދީފައިވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ 28،000 އަށްވުރެ ގިނަ މުވައްޒަފުންގެ ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް އެ ކުއްލި މައްސަލާގައި ވަނީ ގޮވާލައްވައިފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ބުނީ ސާޖިދާ ހެލްތް މިނިސްޓްރީ އާއެކު ހަދާފައިވާ އެގްރިމެންޓަކީ ހާއްސަ އުސޫލަކުން ހަދާފައިވާ އެގްރިމެންޓެއް ނޫން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ގާނޫނީގޮތުން އެކަން އޮތްގޮތް ބެލި އިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރާއްޖޭގައި މިހާރު ހުރި އެއްވެސް ގާނޫނަކުން މަނާ ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރެއްވުމަށް ސާޖިދާ ނިންމެވީ، އަދާކުރައްވަމުން ގެންދެވި ވަޒީފާ އެގޮތުގައި ކުރިއަށްގެންދެވުމަށް ދަތިތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

ސާޖިދާ ސިވިލް ސާވިސްގައި އަދާ އަދާކުރައްވަމުން ގެންދެވި މަގާމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުކަމުގެ މަގާމެވެ.

"ފަހުން ހެލްތް މިނިސްޓްރީން އަޅުގަނޑުމެންނަށް ރިކުއެސްޓް އައިސްފަ މި އޮތީ، ފަސްޓް ލޭޑީ ރިކުއެއްސްޓް ކުރައްވައިފަ އެބަ އޮތޭ ރައީސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކެއް ހުރުމާއެކު ފުލްޓައިމްކޮށް އެ ވަަޒީފާގައި މަސައްކަތް ކުރެއްވުމަށް ދަތިފުޅުވެއޭ، އެހެން ނަމަވެސް ތިމަން ކަމަނާ ބޭނުންފުުޅުވެއޭ ސިވިލް ސާވިސްއަށް ކޮންމެސް ކަހަލަ ކޮންޓްރިބިއުޝަނެއް ދެއްވަން، އެހެންވީމާ އެ ކަހަލަ ލުއިތަކެއް ދެވިދާނެތޯ ނޫންތޯ،" ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސީއެސްސީގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހުންނަ ފަރާތަކަށް ލުއިދިނުމަށް ގާނޫނު ތަން ނުދޭ ކަމަށާއި ނަމަވެސް މުސާރަ ނުލިބޭ ގޮތަށް ދާއިމީ ވަޒީފާއިން ވީއްލުމަށްފަހު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދު ތަންދޭ ކަމަށް ދެންނެވި ކަމަށެވެ.

އެހެންކަމުން ސާޖިދާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ފަސް އަހަރު ދުވަހުގެ ނޯޕޭލީވް އެއް ނެންގެވުމަށް އެދިވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފަކަށް ނޯޕޭލީވްއެއް ނެގޭނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ. އަދި ހިދުމަތްކުރަން ބޭނުންފުޅުވަނީ މުސާރަ ނުނަންގަވާ ގޮތަށް ކަމަށް ވިދާޅުވި ނަމަވެސް ސިވިލް ސާވިސްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެގޮތަށް ހިދުމަތްކުރާ ފަރާތަކަށްވެސް އުޖޫރައެއް ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވޭޖް އެމްޕްލޯއިމެންޓެއްގެ ގޮތުގައި އެގްރީމެންޓް ހެދީ ސާޖިދާއަކީ ގިނަ ދުވަސްތަކެއްގައި އެ ދާއިރާގައި މަަސައްކަތް ކުރެއްވި ބޭފުޅަކަށްވުމުން، އޭނާގެ ހިދުމަތް ބޭނުންވާ ކަމަށް ހެލްތް މިނިސްޓްރީން އެދުމުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސާޖިދާ އާއެކު ކޮންޓްރެކްޓް ހަދާފައިވަނީ، ކަމާބެހޭ ކަންތައްތަކުގައި ފަންނީ ލަފާ ދެއްވުމުގެ އިތުރުން ޓެކްނިކަލް ދާއިރާއާއި މުވައްޒަފުންގެ ތަމްރީނުކުރުމާއި ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ލަފާ ދެއްވުމަށް ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮންޓްރެކްޓް ހަދާފައިވަނީ މަހަކު 40 ގަޑިއިރުގެ ހިދުމަތް ލިބޭ ގޮތަށް، އުޖޫރައެއްގެ ގޮތުގައި ގަޑިއަކު 75 ރުފިޔާގެ އުޖޫރައެއް ކަނޑައަޅައިގެން ކަމަށެވެ. އަދި އެއީ ފަސްޓް ލޭޑީއަކަށްވުމުން ސާޖިދާއަށް ހަމަޖެއްސި ހާއްސަ އުސޫލެއް ނޫން ކަމަށާއި އެ އުސޫލުގެ ދަށުން މީގެ ކުރިންވެސް ގިނަ މިނިސްޓްރީތަކަށް އެކި މީހުން ހިދުމަތް ކޮށްދީފައިވާ ކަމަށާއި މިހާރުވެސް ހިދުމަތް ކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.