ފަންސާހަށްވުރެ ގިނަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ކުޅުދުއްފުށި ސިޓީގެ ބޯޓެއް ކަމަށްވާ ބަހާދަރު ނ. އަތޮޅު ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މާލޭން ފުރަައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓު ނ. ދެކެނަންފަރު ކައިރިއަށް ބީހުނީ ރޭ ދަންވަރު ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ދެކެނަންފަރު ފަރަށް ބީހުނީ ރޭ ދަންވަރު 1:50 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ހާބަރު ކްރާފްޓް 116 އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާ ހިނގިއިރު ބޯޓުގައި 58 މީހަކު ތިއްބި ކަމަށެވެ. އޭގެ ތެރޭގައި ދިހަ ފަޅުވެރިންނާއި ހަ އަންހެނުންނާއި ހަ ކުދިންވެސް ހިމެނޭ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، 17 މީހަކު ކޮމަންޑޫއަށް ގެންގޮސްފައިވާ ކަމަށާއި ފްލައިން ފިޝް ނަމަކަށް ކިޔާ ބޯޓަކުން 31 މީހުން ނަގައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މިހާރު އެ ބޯޓުގައި ތިބީ ދިހަ ފަޅުވެރިން އެކަނި ކަމަށްވެސް އެމްއެންޑީއެފުުން ބުންޏެވެ.